ސިނާއީ މަސައްކަތްތައް ކުރުމަށް ހާއްސަ ސަރަހައްދުތައް ކަނޑައެޅުމަށް ރަށަށް ބިން އިތުރުކުރުމަށް ބޭނުންވާ ކަަމަށް ބަނޑިދޫ ކައުންސިލް އިން ހާމަކޮށްފިއެވެ.

އެރަށު ކައުންސިލް އިން މިކަން ހާމަކޮށްފައި ވަނީ،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ބަނޑިދޫ ކައުންސިލް މެންބަރުން ވަނީ ކުދި ރަށްތަކުގެ ތަރައްގީއަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، ފުޓްސަލް ދަނޑާއި، އާ ވޮލީކޯޓެއްގެ އިތުރުން ޢާއިލީ ޕާރކެއް ތަރައްގީކުރުމުގެ މަސައްކަތްތައް ފަދަ މިހާރު ކުރިޔަށްދާ ނުވަތަ ފެށުމަށް ތައްޔާރުވެފައިވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން މިހާރު އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާކަންކަމުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުނިނައްތާލުމާއި، އޮޑިދޯނިފަހަރު އެހެލައިބޭލުމާއި، އަދި ސިނާޢީ މަސައްކަތްތައް ކުރުމަށް ޚާއްޞަ ސަރަޙައްދުތައް ކަނޑައެޅުމަށް ރަށަށް ބިން އިތުރުކުރުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ވެސް ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި، އިތުރު 9 ކްލާސްރޫމް ބޭނުންވާކަމާއި، ރަށްގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ އިމާރާތެއްގެ މުހިންމުކަމާއި، އެރަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމާއި އަދި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްގީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އެ ގޮތުން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މިހާރު އޮތީ ބިޑުކުރުމުގެ މަރުހަލާގައި ކަމަށާއި، އަދި ސްކޫލްގެ 4 ކްލާސްރޫމްގެ އިމާރާތްކުރުމުގެ މަޝްރޫއި ބަޖެޓުގައި ހިމެނިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލަށް މަލްޓިޕާޕާސް ހޯލެއް އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.