ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެންމެންނަކީ އައްޑޫއަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ނިރުބަވެރި ހަމަލާއަށް ދިނުމަށް ރާވަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ސިފައިންނާއިއެކު މި މަހު 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި މާލެ އަދި ކ. ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްްޓްރިމިޒަމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތެއް ކަމަށްވާ އައިއެސް ތާއީދުކޮށް ރާއްޖޭގައި ނިރުބަވެރިކަމުގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އުސްވަތު ވިދާޅުވީ އެ އޮޕަރޭޝަންގައި ގިނަ އަދަދެއް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. އެ އޮޕަރޭޝަން ހިންގީ ތިން ސަރަހައްދެއްގައި ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެއީ ލާޖް ސްކޭލެއްގައި ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަންގައި އައްޑޫ ސިޓީއިން 10 މީހަކު ހައްޔަރުކޮށްފައިވާއިރު 11 ގެއެއް ބަލާ ފާސްކުރި ކަމަށާއި، މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު 4 ގެއެއް ބަލާފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ގުރައިދޫއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްްޓްރިމިޒަމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު - ވަގުތު އިމޭޖްސް

"ހައްޔަރުކުރި 14 މީހުންނަކީ ވެސް 18 އަހަރުން މަތީގެ މީހުން. އެ މީހުނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން. އޭގެތެރެއިން 9 މީހުނަކީ މީގެ ކުރިންވެސް ޓެރެރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން. ބަލާ ފާސްކުރިގެތަކުން މައްސަލައާއި ގުޅުންހުރި ބައެއްތަކެތި ވަނީ ފެނިފައި. އެތަކެތި ތަހްލީލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ." އުސްވަތު ވިދާޅުވި އެވެ.

އުސްވަތު ވިދާޅުވީ އެ ހަމަލާ ދޭން އުޅުނު ސަރަހައްދާއި އަދި ޓާގެޓަކީ ކޮބައިގެން އަދި ހާމަކުރެވެން ނެތް ކަމަށެވެ. އަދި ހަމަލާން ދޭން އުޅުނު ގޮތް ވެސް ހާމަކުރެވެން ނެތް ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުން އައްޑޫން ހައްޔަރު ކޮށްފައިވާ ބައެއް މީހުންގެ ތެރޭގައި 2020 ވަނަ އަހަރު "ވަގުތު" އިން ގެނެސްދިން އިންވެސްޓިގޭޓިވް ރިޕޯޓްގައި ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތިން މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޯއްވަޅި އަލީ

    ނިރުބަ ވެރި ކަމުގެ ނަމުގަ މުސްލިމުން ހިފާ ހައްޔަރު ކުރަނީ!

    4
    6
  2. ލާދީނީ

    ތިމަރަފުޝި މީހުން ވެސް ބޮމެކޭ ކިޔާފަ ހައްޔަރު ކުރީ... އެމީހުންގެ މަގްސަދަކީ ދީނައް ލޯބި ކުރާ މީހުން މި ގައުމުން ފޮހެލަން

  3. އައްޔަ

    ނަމުން މުސްލިމުން. ކަލޭ އަހަރުމެންނަށް އޮޅުވާލަންނޫޅޭ! މިއީ ތޯރާބޯރާ ފަރުބަދަތަކުގެ ގައުމެއްނޫން. ކަލޭވެސް އެވިސްނުންކަމަށްވަންޏާ އަވަހަށް އަފްގާނަށް ހިޖުރަކުރޭ!