ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ޒުވާނުން އަހުލުވެރިކުރުމަށް ހަޔާ އެޑިޔުކޭޝަނުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީޓީ) އަށް އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ހަޔާ އެޑިޔުކޭޝަންގެ މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ދެއްވައިފި އެވެ.

އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހަރުކަށިފިކުރުގެ ނުރައްކާތަކުން ހައްލު ހޯދުމަށް ތައުލީމީ ނިޒާމު އަލުން ބައްޓަން ކޮށް މަތީ ތައުލީމުދޭ މުއައްސަސާތަކާއި ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް އެކްޝަން ޕެލޭންތައް އެކުލަވާލުމަށާއި ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ސަލާމަތްވުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދޭން މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ހަރުކަށިފިކުރާ ދެކޮޅަށް މަޝްވަރާ ފޯރަމްތަކާއި އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި އެއްބާރުލުން ދިނުން ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސްތައް އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަޔަރ އެޑިއުކޭޝަންގެ ލީޑިންގ އޮތޯރިޓީގެ ހައިސިއްޔަތުން އަޅުގަނޑުގެ ވެސް ދައުރެއް އެބައޮތް. އަޅުގަނޑު ޔަގީންކޮށް އަރުވަން އަޅުގަނޑުގެ މިނިސްޓްރީން އެންސީޓީސީއަށް އެހީތެރިވެދޭނެ. ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނާއި މުޖުތަމައު ފިކުރީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަކީ ހަރުކަށި ފިކުރާއި ދެކޮޅަށް މުޖުތަމައެއް ބިނާކުރުމުގެ ހަމައެކަނި ގޮތް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރު ހުއްޓުވުމަށް ބާއްވާ ވޯކްޝޮޕްގެ ބައިވެރިން ދޭ އެއްބާރުލުމަކީ ނޭޝަނަލް އެކްޝަން ޕްލޭންގެ ނަތީޖާ ހާސިލްކުރުމަށް އިދާރާތަކުން ބޭނުންވާ ފިޔަވަޅުތަކާއި އެހީތެރިކަން ދެނެގަތުމުގައި ނަތީޖާ ނެރެދޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ

އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށާއި އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު މުރާޖާކޮށް ތަންފީޒުކުރުމަށް ވޯކްޝޮޕްގެ ބައިވެރިން އެއްބާރުލުން މުހިއްމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަމާއި ދީނީ އަގީދާ ވަރުގަދަ ކުރުމުގެ އިތުރުން މައްސަލަ ތަކުގެ ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރެވޭނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް އެއްބައެއްގެ ގޮތަށް މަސައްކަތްކޮށް، ކުރިން އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮރޮކޮލީ

    މިއުޅޭ މަޑުކަށި ފިކުރުގެ ޒުވާނުންނާއި މުސްތުޅިންނަށް އެހީވާނެ އެއްވެސް އޮފީހެއް ނެތްތަ. އެމީހުން ފަގީރުކަމުން އުޅެނީ އޮރިޔާންވެސް ނިވާކޮށްލެވޭނެ މިންވަރުވެސް ނެތިގެން.

  2. ކޮވިޑް

    މައި ކަލާކޯ. ހަޔާ އެޑިއުކޭޝަނުން ކީއްވެބާ އިސްނަގައިގެން ސަރުކާރަށް ހަށިވިއްކުމާ، މިހާރު ރާއްޖޭގައި އާއްމުވެފައިވާ ޕާރޓީ ލައިފް ގެ ނުރައްކާތެރިކަން ދީނީ ގޮތުން ރައީސް އަށާ ، ސަރުކާރުގެ މަތީ މަޤާމުތަކުގެ މީހުން އަހުލުވެރި ކުރުވަން އެހީ ނުވެ ތި ތިބެނީ؟