ޖަލުތަކުގައި ކޮށްފައިވާ އަނިޔާތަކާއި ގުޅޭ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި ސިއްރު އަޑުއެހުންތަކެއް ބާއްވަން އެ އޮފީހުން ނިންމައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ސިއްރު އަޑުއެހުންތަކެއް ބާއްވަން ނިންމަފައިވާ ކަމަށެވެ.

"މި އަޑުއެހުންތަކުގެ ތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިޚްތިޞާޞްގެ މުއްދަތުގެ ތެރޭގައި ހައްޔަރުކޮށް ބަންދުކުރުމުގެ އެކި މަރުޙަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ ޢަމަލުތަކުގެ ސަބަބުން، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަނެފައިވޭތޯއާއި، އަނިޔާ ކުރުމުގެ ޢަމަލުތައް ހިނގާފައިވޭތޯއާއި، އެފަދަ ޢަމަލުތައް ހިނގާފައިވާ މިންވަރު ބެލިގެންދާނެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން މި އަޑުއެހުންތަކުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުދީ، މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާގެ ޢަމަލުތައް މަނާ ކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލެވިގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިގޮތުން، މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން 23 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރާއި، ދާއިމީ އެޑްރެސް އާއި، މިހާރު ދިރިއުޅޭ އެޑްރެސް އާއި، މިކަމާ ގުޅޭ މަޢުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭ ގޮތް ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

އެ އޮފީހުގެ ނަންބަރު 7223473އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected] އަށް އީމެއިލް ކުރައްވައިގެން އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވަނީ އެދިފައެވެ.

ރާއްޖޭގައި ޖަލުތަކުގައި އަނިޔާކުރާ ކަމަށް ބުނެ ދޭތެރެއަކުން މައްސަލަތައް ފެންމަތިވެއެވެ. ދާދިފަހުން، ޓެރަރިޒަމްގެ ކުށުގައި ބަންދުކޮށްފައި ހުރި ގައިދީއަކު ވެސް ވަނީ ފުލުހުން އޭނާއަށް އަނިޔާކޮށް، ދޮގު ހެކިބަސް ދިނުމަށް މަޖުބޫރު ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބްރާހިމް

    ޖަލުގައި މިހާރު އަދުހަމަށް މި ސަރުކާރުން ކުރަމުންދާ އަނިޔާ ކުއްވެރިކުރަން. ކަމެއްކުރަންޏާ މި ކޮމިޝަނުންވެސް މިކަންބަލަން ފެނޭ. ބަލަންވީ ކޮންމެހެން އަންޒަމާނުކަރައަށް ވައިއެރި ދުވަސްވަރުގެ މައްސަލަތަކެއްނޫން. ބަލަންޏާމުން ނިކަން މި އަދުހަމްގެ މައްސަލަ ބައްލަވާ.

  2. Anonymous

    އިބްރާހިން ނާސިރުގެ ވެރިކަމުގައި ޖަލު މީހުންނަށް ޒަހަރު ބޯންދިން މައްސަލަ ވެސް ތަހުގީގުކުރާތި. އެއީ ވެސް ބޮޑު އަނިޔާއެއް. އެ ޒަހަރު ބޮއިގެން އެތައް ބަޔަކު މަރުވެފައިވޭ.

  3. ވާނެ

    ރައީސް ޔާމީންގެ ޝަރީއަތް ނޫނީ އެހެން ކޮންމެ ކަމެއްވެސް ސިއްރުކުރަންވާނެ

  4. Anonymous

    ތިނަދޫ އައްޑޫ މީހުނަށް ދިން އަނިޔާ ކޮބައިތޯ މާލެ ގެނެސް "ބުރިން ހަންނެގި" ވާހަކަ އެމީހުން ކިޔާދިން އެވާހަކަ ކޮބައިތޯ !

    1
    1