ލ.ގަމުގައި އެޅުމަށް ނިންމާފައިވާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ގަމުގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި އެ ރަށު ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީ މެމްބަރުންނެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮސްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއައެވެ.

އަދި މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ މޭ މަހުއެވެ.

84.2 މިލިއަން ރުފިޔާ އަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން، 1000 އަކަފޫޓުގެ 100 ހައުސިންގ ޔުނިޓު އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި، ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެ އެވެ.

އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމުކޮށް، ވެހިކަލް ޕާކު ކުރާނެ ޕާކިންގ ޒޯނެއް ހަދާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތުގައެވެ.