އދ. މަހިބަދޫގެ އިޙްތިޞާސްގައި އެރަށް ކައިރީ އޮންނަ މާފަރު ފަޅު ހިމަނައިދެއްވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

ކައުންސިލުން މިކަމަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަހިބަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެހެނިހެން ކަންތައްތަކަށްވެސް އަލިއަޅުވާލާފައިއެވެ. މަހިބަދޫ ކައުންސިލް މެންބަރުން ވަނީ ކުރިއަށް އޮތް އަހަރު، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް، ބަޖެޓުގައި ހިމަނައިދެއްވިކަމަށްޓަކައި ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އެބޭފުޅުން ވަނީ މަހިބަދޫ އިން ގޯތި އެންމެ ފަހުން ދޫކޮށްފައިވަނީ މީގެ 35 އަހަރު ކުރިން ކަމުގައި ފާހަގަކުރައްވައި، ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަކީ މަހިބަދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކޮންމެ މަސައްކަތަކަށްވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.

މަހިބަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަން ބޭނުންވާކަމަށާއި، ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާ، މަގު ހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ރައީސް އަރިހުގައި ދެންނެވިއެވެ.

މަހިބަދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިމާރާތެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ މަހިބަދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ ބައްދަލުވުމުގައި ރައީސް ދެއްވާފައިވަނީ ވަރަށް އުންމީދީ ޖަވާބުތަކެއްކަމުގައި ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސް ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެކަމަށާއި މަހިބަދޫ ކައުންސިލުން އެދިލެއްވި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.