• އެމްޑީޕީގެ މެނިފެސްޓޯއެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައެއް ނޯންނާނެ ކަމަށާއި، ، މެނިފެސްޓޯގައި ނެތް ކަމެއް ކުރާ ކަމުގައިވަނީނަމަ، ކޯލިޝަންގައި ތިބި ފަރާތްތަކާއި މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެމްޑީޕީގެ 2018ގެ މެނިފެސްޓޯގައި ހިމެނޭކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ ފެށުނީއްސުރެ ވެސް ބަރުލަމާކީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފޫޅަކަށް ވާތީ ހުއްޓުމެއް ނެތި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް އެމަނިކުފާނު ދަނީ ގޮވާލައްވަމުންނެވެ.

އެގޮތުން ދާދި ފަހުން ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީން އިންތިހާބުގެ ޕްރައިމަރީއަކަށް ދާއިރު، މިދިޔަ އިންތިހާބަށް ނެރުނު މެނިފެސްޓޯއަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އޭގައިވާ ވަރަށް ގިނަ ކަންކަން ވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން، އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއް މި ފަސް އަހަރު ތެރޭގައި ނަގާނެ ވާހަކަ އެއްގޮތަކަށްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ކެންޑިޑޭޓަށް ވުމާއެކު ތައްޔާރު ކުރި މެނިފެސްޓޯ އެކުލަވާލާފާއި ވަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާގެ މަތިން އެކުލަވާލި މެނިފެސްޓޯއެއް ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓާއި ގުޅޭ ވާހަކައެއް އެއްގޮތަކަށްވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ތަންފީޒު ކުރަމުން މި ގެންދަނީ އަޅުގަނޑާއި ހަވާލުވެފައި އޮތް އެ މެނިފެސްޓޯ، އޭގައި އޮތްގޮތަށް މި ކުރިއަށް ގެންދަނީ، އެއްވެސް ހާލެއްގައި އެ މެނިފެސްޓޯ ތެރޭގައި ނިޒާމީ ވޯޓެއް މި ފަސް އަހަރު ތެރޭގައި ނަގާ ވާހަކައެއް ނެތް".

ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ނެތް ކަމެއް ކުރާ ކަމުގައިވަނީނަމަ، ކޯލިޝަންގައި ތިބި ފަރާތްތަކާއި މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އެކަމާއިގެން ކުރިއަށް ދެވޭނީ މަޝްވަރާއާ އެކުގައި ކަމަށެވެ.

"އެނޫން ގޮތަކަށް އަޅުގަނޑަކަށް މި ދައުރުގެ ތެރޭގައި ކުރިއަށްދެވޭނެ ފުރުސަތެއް އޮތް ކަމަަކަށް ގަބޫލެއް ނުކުރަން".

މިއަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ވެސް ވެރިކަމުގައި ނިޒާމް ބަދަލުކުރަން ރައީސް ނަޝީދު ގަރާރެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެކަމަށް ތާއިދުނެތި ކުރިއަކަށް ނުދިޔަ އެވެ.

އެމްޑީޕީ ނޫން އެހެން ޕާޓީތަކުން ވެސް ބޭނުންވަނީ ރިޔާސީ ނިޒާމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    މިގައުމުގަ މިހާރު މިއޮތް ނިޒާމު ބްދަލު ކުރެވޭނީ މިނިޒާމަށް ވުރެ ބަރުލަމާނީ ނިޒާމުން ގައުމަށާއި ރައްޔިތުންނަށް ލިބެން އޮތް ލާބަޔާ މަންފާ ބުނެދިނުމަށްފަހު. ެއެއީ 1968 އާހަމަޔަށް ރައްޔިތުން ތިބީ ވަރަށް ބިކަ ހާލުގަ އޭރު މިގައުމުގަ އޮތީ އިގިރޭސިވިލާތުގަ މިހާރު އެއޮންނަ ބަރުލަމާނީ ނިޒާމު. ރައްޔިތުންނަށް ލާބަޔާއި މަންފާލިބި މުއްސަނދިކަމާ ތަނަވަސްކަން ލިބެންފެށި 1968 ނޮވެމްބަރު 11 ވަބނަ ދުވަހު ރާއްޖޭގަ ފެށުނު ރިޔާސީ ނިޒާމުން. މިހާރު ގައުމުގަ ފެންނަން އޮތް ހުރިހާ ތަރައްގި އައީ ހަމައެކަނި ރިޔާސީ ނިޒާމުން. ވީމާ މިގައުމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ސަބަބެއް ނެތް.