ރާއްޖޭގައި ބާއްވާ މަސްފިހުމުގެ އެންމެ ބޮޑު ހަރަކާތް، ހއ. އުލިގަމުގައި ފަށައިފިއެވެ.

އުލިގަމު މަސްފިހުން 2023؛ ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތް ފެށިގެން ގޮސްފައިވަނީ މިއަދު ފަތިހު 5:30 ގައި، މަސް ބޭނުމަށް ދޯނިތައް ފުރުމާއި އެކުގައެވެ.

މި ހަރަކާތަކީ އުލިގަމުގައި، އެ ރަށުގެ ކުދިބޮޑު އެންމެން ކޮންމެ އަހަރަކުވެސް ފޯރިއާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

އުލިގަމު ބަނދަރުމަތީގައި ބަހައްޓާފައި ހުރި ބޯޑެއް ---

މި ހަރަކާތް ފެށިގެން އައިސްފައިވާ ގޮތާއި މެދު 'ވަގުތު' އަށް މައުލޫމާތު ދެއްވަމުން އެ ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު މުއާޒް ވިދާޅުވީ، މި ހަރަކާތް ފެށިފައިވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ.

މިކަން ފެށިގެން ގޮސްފައިވަނީ އޭރުގައި ރަށުގައި ތިބި ޒުވާނުންތަކެއް އިސްނަގައިގެން، އެކުވެރިންތަކެއް އެއްވެލައިގެން ކުރި ކަމެއްގެ ގޮތުގައެވެ.

މުއާޒް ވިދާޅުވިގޮތުގައި ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު ގެ ނަމުގައި، މިހާރު ކުރިއަށްދާ ފެންވަރުގައި އުލިގަމު މަސްފިހުން ކުރިއަށްދާތާވެސް މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އަދި މިހާރު ހަރަކާތް ކުރިއަށް ގެންދަނީ ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

ހއ. އުލިގަމު ބަނދަރުމަތި ---

"2011 ވަނަ އަހަރު ކައުންސިލްތައް އުފެދުނު ހިސާބުން ފެށިގެން، މިކަން ކުރިއަށް މިދަނީ ސީދާ ކައުންސިލުން މި ހަރަކާތުގެ ތެރޭގައި ބައިވެރިވެގެން. މިކަން ފުޅާވެގެން މިހާރު ގޮއްސަ އޮތް ހިސާބަކީ، މިހާރު މި ހަރަކާތް ކުރިއަށް ގެންދަނީ ކައުންސިލްއިން އިސްނަގައިގެން، ކައުންސިލްގެ ކޮންމެ އަހަރެއްގެ މަސައްކަތުގެ ތާވަލުގައި ބަޖެޓް ކުރެވިގެން، ރަސްމީ އިވެންޓެއްގެ ގޮތުގައި." މުއާޒް ވިދާޅުވިއެވެ.

މިހަރަކާތް ބޭއްވެނީ ކޮންމެ އަހަރަކު އެއްފަހަރެވެ. އެގޮތުން ހަރަކާތް ބާއްވާ ދުވަސް ކަނޑައަޅަނީ ޗުއްޓީ ދުވަސްވަރާއި، މޫސުންވެސް ރަނގަޅު ދުވަސްވަރަކާއި ދިމާކޮށް، ރަށުގެ ރައްޔިތުންނަށާއި އަދި އަދި ރަށުން ބޭރުގެ ރައްޔިތުންނަށްވެސް މި ހަރަކާތުގައި ވީހާވެސް ބޮޑަކަށް ބައިވެރިވެވޭނެ ގޮތަކަށް ބަލާފައެވެ.

އެގޮތުން މި ފަހުން އައިސް މި ހަރަކާތް ގިނައިން ބޭއްވެނީ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށް މުއާޒް ވިދާޅުވިއެވެ.

މިރޭގެ ކެއުމަށް ބޮނޑިބަތް ކައްކަނީ ---

މިއަހަރުގެ މަސްފިހުންވެސް ކުރިއަށް ގެންދެވެނީ ދުރާލާ ރޭވިގެން ތައްޔާރީތައް ވެގެންނެވެ. އެގޮތުން މިއަދުގެ ހަރަކާތް ކުރިއަށް ދާނެ ގޮތުގެ ތާވަލާއި ހުރިހާ ކަމެއްވެސް އޮންނަނީ ކުރީބައިގައި ތައްޔާރު ކުރެވިފައެވެ.

އެގޮތުން މިއަދު ފަތިހު 5:30 ގައި ރަށުގެ ތިން ދޯންޏެއް މި ހަރަކާތަށް މަސް ހޯދުމަށްޓަކައި މަހަށް ފުރިއެވެ. މަހަށް ފުރާފައި ވަނީ ތިން ޓީމަކަށް ބަހާލެވިގެންނެވެ. އެގޮތުން ފީނައިގެން މަސް ހިފާ ޓީމަކާއި، ދިރޭ އެން ލައިގެން މަސްބާނާ ޓީމަކާއި، ފައްތައިގެން މަސްބާނާ ޓީމެއްވަނީ މަސް ބޭނުމަށް ފުރިއެވެ.

މަސްފިހުމަށް ލޮނުމިރުސްގަނޑު ތައްޔާރުކުރަނީ ---

އަދި 3:00 ޖެހި އިރު ދޯނިތައް މަހުން ލެފި އިރު، ރަށުގައި ތިބި މީހުން ވަނީ ދޯނިތައް ލަފަންވާއިރަށް، ރަށުގައި ވާން ޖެހޭ ތައްޔާރީތައް ވެފައެވެ. އެގޮތުން ދޯނިތައް މަހަށް ފުރުވާލުމަށްފަހު ވަނީ މަސްފިހާނެ ސަރަހައްދު ތައްޔާރު ކޮށްފައެވެ އަދި މަހުގައި ލާނެ ލޮނުމިރުސްގަނޑު ތައްޔާރުކޮށް، ރޭގަނޑުގެ ކެއުމަށް ބޮނޑިބަތްކައްކާ، މަސްވެރިން މަހުން ލަފަން ވާއިރަށް އެމީހުންނަށް ދޭން ވެސް ވަނީ ކާއެއްޗެހި ތައްޔާރު ކޮށްފައެވެ. މި ހުރިހާ މަސައްކަތްތައް ބަނދަރުމަތީގައި ހިނގަމުންދާއިރު، މި ހަރަކާތާއި ގުޅިގެން ހަދާފައިވާ ހާއްސަ ލަވަތައްވެސް ޖަހަމުން، ހަރަކާތުގެ ފޯރި ވަނީ އިތުރަށް ގަދަކޮށްލާފައެވެ.

މަސްފިހުމަށް އަލިފާން ރޯކުރަނީ ---

ދޯނިތައް މަހުން ލެފުމަށްފަހު މަސްތައް ސާފުކޮށް، ހަވާދުލާ، އޫ ޖެހުމަށް ފަހު މިހާރު ދަނީ ފިހުމުގެ މަސައްކަތް ކުރިއަށް ދަމުންނެވެ. އެ މަސައްކަތުގައި އުޅުނު ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ ހަރަކާތުގައި 600 އެއްހާ މަސް ފިހާނެއެވެ.

މަސްތައް ފިހެ ނިމުމަށް ފަހު ދެން މިރޭ 8 ޖަހާއިރު އޮންނާނީ ބުފޭ ހުޅުވުމުގެ ރަސްމިއްޔާތެވެ. އަދި އެއަށްފަހު 830 ގައި ބުފޭ ފެށޭނެއެވެ.

މިރޭގެ ކެއުމަށް ބަނދަރުމަތި ތައްޔާރުކޮށްފައި ---

މި އަހަރުގެ ހަރަކާތަށް ރަށުން ބޭރުގައި ތިބި ރަށުގެ ވަރަށް ގިނަ ރައްޔިތުންވެސް ރަށަށް އައިސްފައިވާ ކަން މުއާޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށުން ބޭރުގެ ވަރަށް ގިނަ ފަރާތްތަކުންވެސް، އުލިގަމަށް އައިސް މި ހަރަކާތުގައި ބައިވެރިވަމުން އަންނަ ކަމަށް މުއާޒް ވިދާޅުވިއެވެ.

އީދެއް ފަދަ މި އުފާވެރި، އެއްބައިވަންތަ ހަރަކާތުގައި ބައިވެރިވުމަށް އެރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް އުލިގަމުން މަރުހަބާ ކިޔަނީ ހެޔޮ ހިތަކާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރިޓުނީ

    ރަނގަޅަށް މަސްފިހެފަ ސޯއްޔަށްކާންދީ އޭރުން ތިޔަކުން ޖީއެސްޓީއެއް ނުނަގާނެ ނަގާނީ މީހުންނަށް ނުފެންނަގޮތަށް މިހާރުވެސް އާއަހަރުހަވާއަރުވާފަ ރަށްޔަތުން އިނދަޖަށްސާލުމަށް ޖީއެސްޓީ ބޮޑުކުރީ މަކަރުވެރި ހިޔަޅުގެ އަވާމެންދުރުގަ 2023 ބަނޑަށްޖެހެނީ.

  2. އަލީ

    ވަރަށްވެސް އުފާވެރި ހަމައެހައިމެ އކުވެރިކަން ދައްކުވައިދޭ ހަތްގައިމު މަންޒަރެއް އަޅުގަނޑު ހިތައްއަރާ މިފަދަ ހަރަކާތެއް އަޅުގަނޑުމެންގެ ރަށުންވެސް ފެންނާނެނަމައޭ !