މާލޭގެ އިއްޒުއްދީން ފާލަން ކައިރިއާ ދިމާލުން ފަޅުތެރެއަށް އެޅިފައިވާ 400 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރަސްމީ ފާލަން ކައިރި އަށް އެޅުނު ކަޅު ތެޔޮ ސާފު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އެ ސަރަހައްދަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ރަސްމީ ފާލަމުގެ އިތުރުން އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ވަނީ ނަގައިފައެވެ.

ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސީޖީ ހަލަވެލި ބޭނުންކޮށްގެން ރަސްމީ ފާލަން އަދި އެ ސަރަހައްދު ބޭރުން، ބޫމް އެޅުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ އިއްޔެ ހެނދުނު ނުވައެއް ޖަހާކަން ހާއިރުއެވެ.

ތެޔޮ ނެގުމުގައި ކޯސްޓްގާޑްގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަނާއި މާލެ އޭރިއާ މެރިންސްއާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިވެފައިވެއެވެ.

ފަޅުތެރެޔަށް ކަޅުތެޔޮ އެޅުމުން މޫދުގެ ފެންގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެއެވެ. ފަޅުތެރޭ ހުންނަ ދޯނިތަކާއި ބޯޓުތަކުން މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ކަނޑާއި ފަރުގެ ދިރުންތައް ދަނީ ހަލާކުވެ ނެތި ފަނާވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު