މާލެ އަތޮޅު ގިރާވަރު އޮންނަ ފަޅު ހިއްކައިގެން މީހުން ދިރިއުޅޭ ސިޓީއެއް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނ. ކެނދިވަރު ދިގު މުއްދަތަކަށް ސަރުކާރުން ވިއްކާލުމުގެ މަސައްކަތް ކުރިއަށްގެންދާތީ އެ މައްސަލަ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ނ. އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ހަތް މެމްބަރުންގެ ވޯޓުން ފާސްކޮށް ނެރުނު ގަރާރެއްގައި ބުނެފައި ވަނީ އެތައް ޒަމާނަކުންސުރެ، ނޫނު އަތޮޅު ރައްޔިތުން ބަލަހައްޓަމުން މުއްސަނދިކުރަމުން ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ގުދުރަތީ ދިރޭ މުދަލުގެ މުއްސަންދިކަމުން، އާއްމު ހައްގުން ރައްޔިތުން ނިޒާމީގޮތެއްގައި ސަރުކާރުތަކުން ރާވައިގެން މަހުރޫމުކުރަމުންދާ ދިއުމަކީ އަދުލުވެރިކަމުގެ ބޭރުން ހިނގާމުންދާ ބޮޑު ބޭއިންސާފެއްކަމުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތަކުގެ މައްޗަށް ބަލައި، އެރައްޔިތުންގެ ޝަކުވާތަކަށް ހައްލުތަކެއް ހޯދުމުގެ ގޮތުން ގުދުރަތީ ވަސީލަތްތައް ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭނެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

އަދި ރައްޔިތުންގެ ރުހުން ހޯދައިގެން މެނުވީ ދިގުމުއްދަތަށް ރަށްރަށާ ފަޅު ދޫނުކުރުމަށާ އެކަން އެގޮތަށް ކުރިޔަ ނުދިނުމަށް މި ކައުންސިލުން ފާސްކޮށްފައިވާނެ ކަމަށެވެ.

ތިމާވެށީގެ ގޮތުން ނާޒުކު، ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ، މަދުން ނޫނީ ދުނިޔޭގައި ނެތް ދިރުންތަކެއްގެ ވިއުގައެއް ކެނދިވަރުގައި އޮންނަ ކަމަށާއި ވެށީގެ ދިރުމުގެ ގޮތުން މުއްސަނދި އަގު ހުރި ތަނެއް އެ ރަށުގައި އޮންނަ ކަމަށެވެ.

ގަރާރުގައި ކައުންސިލުން ފާހަގަކޮށްފައިވާ ކަންތައްތައް:

  • އެ ރަށަކީ މީހުން ދިރިއުޅޭ ސަރަހައްދާއި ބަންދުނުކޮށް އޮތް މަދު ރަށްތަކުގެ ތެރެއިން ރަށެއް
  • ނ. އަތޮޅުގައި ދިގުމުއްދަތަކަށް ދޫކޮށްފައިވާ ރަށްތަކަށް ވަކި ބައެއްގެ މަންފާއަށް ބޭނުންކުރަމުން ދިއުމުން
  • އެ ރަށުގައި ނ. އަތޮޅުގެ ރައްޔިތުންނަށް ދަނޑުވެރިކަމުގެ ފުރުސަތު އެބައޮތްކަން
  • އިންވެސްޓްކުރުމަށް ރާވާއިރު ދެފުންފެންން ގޮތެއް ނެތުން

ކައުންސިލުން ބުނެފައި ވަނީ އެ އަތޮޅާއި ރާއްޖޭގެ އެންމެ ރައްޔިތުންނާއި، މި ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، މިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން އެންމެންގެ އާއްމު ހައްގުތަކާއި މަންފާތަކުން މަހުރޫމުވަނޭ ގޮތަށް އެއްބަޔަކަށް "ސިންގަލް ޕާސަލް" އުސޫލުން މުޅި ރަށާއި އެންމެހާ ވަސީލަތްތައް ދިގުމުއްދަތަށް ދޫކޮށް، ދެންތިބި އެންމެނަށް އެތަންތަން ބަންދުވާނޭ ގޮތަށް ދިނުމާއި ދެކޮޅު ކަމަށެވެ.

އަދި ނ. އަތޮޅުގެ ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނޫންކުރުމުގެ ޕްލޭނުގައިވާ ގޮތުގެ މަތީން އާއްމު ހައްގުތައް ހަމަހަމަ ގޮތެއްގައި އެންމެންނަށް ބޭނުން ކުރެވޭނެ ގޮތަކަށް، ވިޔަފާރީގެ ފުރުސަތުތައް ހަމަހަމަ ގޮތެއްގައި އެންމެނަށް ލިބޭނޭ ގޮތަކަށް މެނުވީ އެ އަތޮޅުގެ ބިމެއް ބޭނުންކުރަން ދެކޮޅު ކަމަށެވެ.

"އެންމެ މީހަކަށް ނުވަތަ މަދު ބަޔަކަށް ފައިދާވާނޭ ގޮތަށް ދެންތިބި އެންމެންގެ އާއްމު ހައްގުތަކުން މަހުރޫމުކުރެވިދާނެ ގޮތަކަށް ނޫނު އަތޮޅުގެ ފަޅުރަށްތަކާއި، ފަޅު ފަޅާއި ފަރެއް ނުވަތަ ފަރުތައް ބޭނުންކުރުމާއި ދެކޮޅަށް މި ކައުންސިލުން ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކުގެ ކުރިމަށްޗަށް ތެދުވާނަން." ގަރާރުގައި ކައުންސިލުން ބުނެފައި ވެއެވެ.

ދިގުމުއްދަކަށް ނޫނު ކެނދިވަރު ޓޫރިޒަމްގެ ބޭނުމަށް ސިންގަލް ޕާސަލް އުސޫލުން ދޫކުރުމަށް ރައީސް ކަނޑައަޅުއްވާ މަސައްކަތް ކުރަމުންދަނީ، ލާމަރުކަޒީ ގާނޫނާއި ހިލާފަށް ކަމަށްވާތީ ކެނދިވަރު ޓޫރިޒަމްގެ ބޭނުމަށް ދިގުމުއްދަތަށް ދޫކުރުން ހުއްޓުވުމަށްޓަކާ ކޯޓަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

މައްސަލަ ހުށަހެޅުމަށްޓަކާ ކައުންސިލްގެ ފަރާތުން ކުރަންޖެހޭ އެންމެހާ ގާނޫނީ މަސައްކަތްތަށް ކުރުމަށް ކައުންސިލުގެ ލީގަލް ކައުންސެލަށް ހުސައިން ރިޔާޒް އައްޔަން ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާސްޓަރ

    ތިޔަ ލީގަލް މަސައްކަތްވެސް ދާނީ ތިޔަ ކައުންސިލްގެ ރައީސް އެލްޖީއޭގެ ބޯޑަށް ކުރިމަތި ލުމާއި އެއްގޮތަށް.

  2. ކަނބިލި ކުޑައާދަނު

    #ސޭވްނޫނު މުޒާހިރާ ޖައްސަން އެބަޖެހޭ. ނ ރައީސް ބައްޓޭ މިކަމުގަ އިސްނަގަން ވީ.