ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ހާއްސަ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން މަރުހަބާ ދެންނެވީ ރައީސް ސޯލިހެވެ.

މަރުޖަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސް ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި، ރާއްޖެއާއި ކެމްބޯޑިއާގެ ގައުމީ ސަލާމް ކުޅުނެވެ. އޭގެ ފަހުން، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމްއެންޑީއެފްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައިސް ފައިސަލް ނަސީމާއި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ކެމްބޯޑިއާގެ ބޮޑުވަޒީރަށް ތައާރުފުކޮށް އެރުވިއެވެ. އަދި، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސްއަށް ތައާރުފުކޮށް އެރުވިއެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށް ފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު، ރައީސްގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، އެމަނިކުފާނުގެ އޮފީހަށެވެ. ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާ އާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރައްވައި، މި ދަތުރުފުޅާއި ބެހޭގޮތުން ދެ ގައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ.

މި ދަތުރުފުޅަކީ، ކެމްބޯޑިއާ ސަރުކާރުގެ އިސްވެރިޔާ، ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.