ގިނަ އަދަދެއްގެ ކިނބޫތަކެއް އަޅާފައި ހުރި ތަނަކަށް ވަދެ ކިނބުލެއް ދުރު ކުރަން އުޅުނު މީހަކަށް ގިނަ އަދަދެއްގެ ކިނބޫތަކެއް ހަމަލާދީ މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ކެމްބޯޑިއާއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވަނީ އޭނާގެ އާއިލާ މީހުން ގެންގުޅުނު ކިނބޫ ކޮއްޓެއްގެ ތެރެއަށް އޭނާ ވަދެގެން އުޅެނިކޮށެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ އެތަނަށް ވަދެފައިވަނީ އެތަނުގައި އޮތް ކިނބުލެއް ބިސް އަޅައިގެން އުޅޭތީ އެ ބިސްތައް ނެގުމުގެ ބޭނުމުގައެވެ.

އެކަން އޭނާ ކުރަން މަސައްކަތް ކޮށްފައިވަނީ ބިސް އަޅައިގެން އުޅުނު ކިނބޫ ދަނޑިއަކުން ޖައްސައިގެން ދުރު ކޮށްގެންނެވެ. ނަމަވެސް އެ ކިނބޫ ދަނޑީގައި ހިފައި އޭނާ އެހެން ކިނބޫތައް ވެސް ތިބި ތަނަށް ދަމައިގަތީއެވެ. އެއާއި އެކީ އެތަނުގައި ތިބި ހުރިހާ ކިނބުލެއް ގޮތަށް ވަނީ އޭނާއަށް ހަމަލާދީފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެތަނުގައި އެވަގުތު 40 ވަރަކަށް ކިނބޫ ތިއްބެއެވެ. އެ ހުރިހާ ކިނބުލެއް އޭނާއަށް ހަމަލާދިނުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަނީ ކުދި ކުދި ވެފައެވެ. އަދި އެ ސަރަހައްދު އޮތީ ލޭގެ ކޯރަކުން ފުރިފައެވެ.

އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ކިނބޫތައް ކާލާފައިވާއިރު، އެސަރަހައްދުން ނެގުނު ގުނަވަންތަކުގައި ކިނބޫތައް ދަތްއަޅާފައިވާ ކަމުގެ ނިޝާން ފެންނަން ހުރި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކެމްބޯޑިއާގައި މިއަދުގެ ވަގުތެއްގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، 2019 ވަނަ އަހަރު ވެސް މިފަދަ ހާދިސާއެއް އެގައުމުގައި ވަނީ ހިނގާފައެވެ. އެފަހަރު ކިނބޫތަކެއްގެ ޝިކާރައަކަށްވެ މަރުވެފައިވަނީ 2 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.