ރާއްޖެ އާއި ކެމްބޯޑިއާއި ދެމެދުގައި ހަ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް އިބްރާހިމް ސޯލިހްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ސޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދެ ގައުމުގެ ތެރޭގައި މިއަދު އެއްބަސްވެފައިވަނީ ކެމްބޯޑިއާއިން ރާއްޖެ އަށް ހަނޑޫ އެތެރެކުރުމަށާއި ކެމްބޯޑިއާއިން ޒުވާރި، މިރުސް، ދަނޑިއަލުވި އަދި ކެޝޫނަޓް ފަދަ ބާވަތްތައް އެތެރެކުރުމާއި އެ ގައުމުން ރާއްޖެއށް މޭވާގެ ބާވަތްތައް އެތެރެކުރުމާއި، ފޭރާމާއި ދަތުރުފަތުރާ ގުޅުން ހުރި މުދަލާއި ލަކުޑި އެތެރެ ކުރުމުގެ އިތުރުން ރާއްޖެއިން ދަޅު މަހާއި ކަނޑު މަހުގެ އުފެއްދުންތައް ކެެމްބޯޑިއާ އަށް އެކްސްޕޯޓު ކުރުމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނާއި ކެމްބޯޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ.

ރާއްޖެއާ ކެމްބޯޑިއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ތަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އެ މަޝްވަރާތަކުގައި ހޯދުނު ކުރިއެރުންތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި މިއަދު އެއްބަސްވެވުނު ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ، އެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައި އޮންނަ ބަދަހި ގުޅުން. އެހެންކަމުން، އަޅުގަނޑުމެން ދެޤައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމީ އަޅުގަނޑު އެކަމާމެދު ނުހަނު އުފާކުރާ ކަމެއް. މިހާރު، ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް، ވިސާ ނެގުމަކާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

އިގްތިސޯދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތެރެއިން، ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން، މިއަދުގެ މަޝްވަރާތަކުގައި ރައީސް ވަނީ ފަޅުކުރައްވާފައި ކަމަށާއި ކެމްބޯޑިއާއަކީ ގިނަ އަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއްކަން ރައީސް ފާހަގަކުރެއްވެވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ތަފާތު ބާޒާރުތަކަށް ރާއްޖޭގެ އިމްޕޯޓް ސިންދަފާތު ކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ، ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި، ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔުމެއް ނޫން ކަމަށެވެ. އޭގެ އިތުރުން، އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަން އިތުރުވެ، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ީިިިމމމމމ

    ބުދިސްޓުން ވަރަށް ގިނަ ޤައުމެއްމީ

  2. ޔާންޔާ

    ހަނޑޫ ކޮންމެވެސް ރަށެއްގަވެސް ކުރެވޭނެ ކަމެއްމީ . ތަރުކާރީވެސް ރާއްޖޭގައި ހެއްދޭނެ .
    ދަނޑުވެރިންނައްވާގެއްލުން ބޮޑު.

  3. ގެރިކުޑޭ

    އިންޑިޔާއިން ވަރަށް ރުޅިއަންނާނެ އެހެން ގައުމަކުން އެއްޗެހި ގަންނަންޏާމު!