މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ ހާއްސަ އަސްކަރީ ތަމްރީނުތަކުގެ ދަށުން ހަތިޔާރު ބޭނުންކޮށްގެން ތަމްރީނެއް ބާއްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިޔަށްދާނީ އައްޑޫ ސިޓީ ގަމުގައެވެ. ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ދަންވަރު 12:00 ޖަހަންދެނެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން

ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވެއެވެ.

ތަމްރީންތަކެއް ހެދުމަށް އެމްއެންޑީއެފް މެރިންކޯގެ ސިފައިން ހަތިޔާރާ އެކު އައްޑޫ ސިޓީގައި ހަރަކާތްތެރިވާން ފަށައިފި ކަމަށް އައްޑު ސިޓީ ކައުންސިލުން ޑިސެމްބަރ މަހު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނީ މެރިންކޯގެ މި ތަމްރީނުތައް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އެ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް ސިފައިން ހަރަކާތްތެރިވާނެ ކަމަށް ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މި ތަމްރީނުތަކަކީ ވަކިކަމަކާއި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ނަމަވެސް އައްޑޫގައި ސިފައިންގެ ތަމްރީންތަކެއް ފަށާފައި މިވަނީ އައްޑޫ ސިޓީގައި ދޭން އުޅުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުއްޓުވާފައި ވަނިކޮށެވެ.

މި ހަމަލާއާއި ގުޅިގެން 14 މީހަކު ހައްޔަރުކޮށްފައިވާއިރު ގޮވާ ޒާތުގެ ތަކެތި ވެސް ފުލުހުން ވަނީ އަތުލައިގަނެފަ އެވެ.