އިއްޔެ ހެނދުނުން ފެށިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދިޔަ އިހްތިޖާޖުން ހައްޔަރުކުރި 17 މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެގެ އިހްތިޖާޖުގެ ހައްޔަރު ކުރީ 20 މީހުން ކަމަށެވެ. އޭގެ ތެރެއިން 17 މީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ.

އަދި މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިން މީހަކު އެބަތިބި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވުން މަޖިލީސް ވަޑައިގެންނެވުމުން އިއްޔެ އިދިކޮޅު ކޯލިޝަނުން އެ ސަރަހައްދުގައި ވަރުގަދަ އިހްތިޖާޖެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އިހްތިޖާޖުގެ ތެރެއިން ނޫސްވެރިއަކަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެށުމާއެކު މަޖިލީސް ތެރޭގައި ވެސް އިދިކޮޅު ކޯލިޝަންގެ މެންބަރުން އަޑުގަދަ ކުރިއެވެ.

އިއްޔެ ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ ގަވައިދާ ހިލާފު ބަޔާނެއް ކަމަޑް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި އިދިކޮޅުގެ އެއްވެސް މެންބަރަކަށް މަޖިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު ނުދީ، ރިޔާސީ ބަޔާން އިއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނޮން

    ކޮބާ… ހައްޔަރު ނުކުރާނެ ކަމަށް ދަޢުވާ ކުރާ އިބޫ… ކޮބާ ފަޅައިގެންދާވަރަށް އެއްވެ އުޅުން… އެންމެ ހަޖަމު ނުވާނީ ހަމަ އެމްޑީޕީ އަށް

    8
    3