ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ބޭފުޅަކަށް ލިބިވަޑައިގެންފި އެވެ.

ރޭ ބޭއްވި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައި ލިބުނީ ސްރީލަންކާގެ ބޭފުޅަކަށެވެ.

އެއީ ލޭލްވަނަ ވިދާނަގެ ތިލަަކަރަތުނަ އަށެވެ.

އޭނާ ވަނީ ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. އަދި މިހާރު ވެސް ހުންނެވީ ދިވެހި ދައުލަތުގެ މަގާމެއްގަ އެެވެ. އެއީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ ސީނިއާ ޕްރޮޓޮކޯލްގެ ވަޒީފާ ގަ އެވެ.

އޭގެ އިތުރުން ހައި ކޮމިޝަންގެ ވެލްފެއާ އެސިސްޓެންޓްކަމާއި ވެލްފެއާ އޮފިސަރުކަމުގެ މަގާމު ވެސް އޭނާ ފުުރުއްވާފައި ވެއެވެ.

އޭނާގެ ހިދުމަތްތައް ފާހަގަކޮށް ފޮރިން މިނިސްޓްރީން ކުރިން ވަނީ "ލޯންގް ސާވިސް" އެވޯޑް ވެސް މީގެ ކުރިން އަރުވައިފަ އެވެ.

ރޭ އެރުވި އެވޯޑަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅަކީ މއ. ބޮޑުގަލުމާފަތްގޭ ސޯބިރާ ވަހީދު އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި 86 ބޭފުޅުންގެ ތެރެއިން 25 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައި ގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ދައުރު ހަމަވެ އިންތިހާބު ކައިރިވީމަ އިސްރަށްވެހިން ލޮލަށް ފެނި ދައުލަތަށް ހިދުމަތް ކުރި މީހުންފެނިއްޖެ ، އެކަމަކު ދައުލަތަށް ދައްކަންޖެހޭ ޓެކުސް ފައިސާ ނުދައްކާ ތިބި ގައްދާރުން ރިސޯޓް އޯނަރުން ސޯލިބޭ އަށް ނުފެނޭ ކިހާ މަޖާ

    18
    1