ކ.އާރަށް ކައިރީގައި އޮންނަ ފަޅެއްގައި ތަރައްގީ ކުރަމުން އަންނަ ފްލޯޓިން ސިޓީ މަޝްރޫއުގެ މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ފްލޯޓިން ސިޓީގެ މަޝްރޫއަށް އެތައް އަހަރެއް ވެފައިވާ އިރު އެ މަޝްރޫއާ ގުޅޭ ގޮތުން ދެ މެމްބަރަކު މިއަދު މަޖިލީހުގައި ސުވާލު ކުރެއްވި އެވެ.

ފުނަދޫ ދާއިރާގެ މެމްބަރު އަހުމަދު ޝާހިދު އެއްސެވީ އެ މަޝްރޫއަށް ކިތައް ފަޅު ދޫކުރިތޯ އެވެ. އެއް ފަޅު ނޫނީ ދެފަޅުކަމަށް ލަފާ ކުރެވޭ ކަމަށް އަސްލަމް ޖަވާބުގައި ވިދާޅުވުމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އަދި އޭގެން އާމްދަނީއެއް ލިބުނުތޯ ވެސް ސުވާލު ކުރެއްވި އެވެ.

އަސްލަމް ޖަވާބު ދެއްވަމުން ގެންދަވާ ގޮތާ ދޭތެރޭ ހިތްޕުޅު ހަމަނުޖެހިވަޑައިގެން ރައީސް ނަޝީދު އެދިވަޑައިގެންނެވީ އެ ސުވާލަށް ސީދާ ތަފްސީލީ ޖަވާބެއް ދެއްވުމަށެވެ.

އަސްލަމް ވިދާޅުވީ އެ މަޝްރޫއަށް ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތަފްސީލުތައް ނޭނގޭ ކަމަށް އެއްބަސްވެލެއްވި އެވެ. "ސީދާ މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮޖެކްްޓެއް ނޫން އެއީ މިހާރު. އެހެންވީމާ ހުރިހާ ތަފްސީލެއް އޭގެ އެކިއުރޭޓް ލެވެލްގައި ނޭނގިދާނެ" އަސްލަމް ވިދާޅުވި އެވެ.

އެ މަޝްރޫއު އެންމެ ފުރަތަމަ ނެދެލެންޑްސްގެ ކުންފުންޏަކާ ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު އަސްލަމް ހުންނެވީ ވަޒީރު ކަމުގަ އެވެ. މި ވެރިކަމުގައި އެ ފްލޯޓިން ސިޓީގެ މަސައްކަތް އަނެއްކާ ވެސް ވަނީ ހަވާލު ކޮށްފައެވެ.

އެ ސިޓީގައި ހުންނަ ދެ ގެއެއް ބަހައްޓާފައި ހުންނަ ފޮޓޯއެއް އިއްޔެ ބައިސަން އިން ވަނީ އާންމުވެސް ކޮށްފަ އެވެ.

އެމަޝްރޫއު ކުރިއަށް ގެންދާ ކުންފުންޏާއިއެކު ސަރުކާރުން އެއްބަސްވެފައިވާ ގޮތުން ފަޅުގައި 5،000 ގެ އެޅުމަށް ހަމަޖެހިފައިވެއެވެ. ރީތި ޑިޒައިންތަކަށް ތަރައްގީ ކުރާ ފްލޯޓިން ސިޓީއަށް މާލެއިން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލޯޓިން ސިޓީގައި ހަދާ ގެތައް ހަދަނީ ދެ ބުރިއަށެވެ. އަދި އެ ގެތަކުގެ މަތީގައި ޓެރަހެއް ވެސް ހެދުމަށް ހަމަޖެހިފައިވާ އިރު އެ ގެތަކުގައި ގިނަ ކުލަތަކެއް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނޭނގެންޏާ ނޭނގޭވާހަކަ ބުނުން ރަނގަޅު.

  2. Anonymous

    ވާއޮ.... ސަޅި ކޮންސެޕްޓެއް

    2
    1
  3. މެކޭ

    އޭނާ އަށް އެނގޭ އެކައްޗެއް ވެސް އަދި ނޭނގޭ އެކައްޗެއް ވެސް ނޯންނާނެ.

  4. ހާޝިމް

    ސާޅީސް ފަންސާސް މީޓަރު އަޑިއައް ނަގިލިލައިގެންވެސް މިއުޅެނީ ގަދަވެއްޖެއްޔާ ބަނދަރުމަތީގަ ހިފަހައްޓާނުލެވިގެން ގަދަވެއްޖެއްޔާ ތިޔަގެތައްފެންނާނީ ކޮންމެސްރަށެއްގެ ގޮނޑުދޮށުންކަންނޭންގެ