މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވާނަންސް (އެމްއައިއެލްޖީ) އިފްތިތާހް ކޮށްފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އިންސްޓިޓިއުޑް އިފްތިތާހްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

އެމްއައިއެލްޖީ އަކީ ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި އެ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ފެންވަރު ރަނގަޅު ތަމްރީނުތައް ހިންގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖޭއޭ)އިން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ވެބްސައިޓް ވެސް މިހާރު ވަނީ ލޯންޗް ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ވަސީލަތްތައް ގާއިމްމުކުރުމަށް ކުރާ މަސައްކަތްތަކެކޭ އެއްފަދައިން އެކަށޭނަ ގާބިލް މީހުން އުފެއްދުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަކީ އެއްތަނަކަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްތަކަށް ކައުންސިލްތަކަށް ދޫކޮށްލައި، ރައްޔިތުންނަށް ހިދުމަތްތައް ފަސޭހަކޮށް ލިބޭގޮތަށް މަގުފަހިކޮށްދިނުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއް ކަމަށެވެ.

އެގޮތުން މި ސަރުކާރުން ފެށި ދަތުރަކީ ހަގީީ މާނައިގައި ރާއްޖެ ލާމަރުކަޒު ކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ ނިޒާމަށާއި ހާއްސަކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރި މަސައްކަތްތަކާއި އެކަންކަމުގައި ހޯދުނު ކުރިއެރުންތައް ވަނީ ފާހަގަކުރެއްވާފައެވެ.