ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ގުރައިދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ މަހުގެ 23 ގައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތާއީދު ބޮޑު އެ ދާއިރާގެ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 15 ގައެވެ.

ޕީޕީއެމުން ބުނީ މިއަދުން ފެށިގެން މާދަމާ 2:30 ގެ ނިޔަލަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 ގައެވެ.

ރިޒާ އަވަހާރަވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮތެއް ނިންމާފައި ވަނީ އެ ދެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ރޭ ބޭއްވެވި ބައްދަލުވުމުގައެވެ. އެ ނިންމުން ނިންމީ އިދިކޮޅުގެ އިސް ޓީމެއް ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަށް ވަޑައިގެން، އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރުގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބައިވެރިވާނެއެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހަތަރު މީހަކު ވަނީ ކުރިމަތިލައިފައެވެ. ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެމްއެންޕީން ވެސް ވަނީ އެ ދާއިރާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.