ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 52 އިންސައްތަ ނިމިއްޖެކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ބުނީ އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 30،933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި، 5،085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބާ ޗެނަލް ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބާ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބަނދަރު އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 53.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.