ބ. އަތޮޅު ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފިއެވެ.
މި މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތާއި، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތާއި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 31,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1810 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯ އޭޕްރަންއެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، މޫރިންގ ރިންގްސް ހަރު ކުރުމުގެ އިތުރަށް ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.