އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއްގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ކ.ގުރައިދޫ، ކ.މާފުށި އަދި ކ.ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަންޏެވެ. އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ގޮސް ފޯމް ހުށަހަޅައިގެންނެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. އެއީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީއެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މި މިދިޔަ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.

މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލީ ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލީ އިބްރާހިމް ޝާޒެވެ. އެމްއެންޕީގެ ފަރާތުން ކުރިމަތިލީ އަލީ އާރިފްއެވެ.