ރައްޔިތުން މަޖިލީހަށް ވަދެވަޑައިގެންނެވީ ރީތި ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވާކަން ނޫން ކަމަށާއި ގުރައިދޫ ދާއިރާއަށް ތަރައްގީ ހޯއްދަވައި ދެއްވުމަށް ކަމަށް މިއަދު މަގާމުގެ ހުވާކުރެއްވި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު ވިދާޅުވެއްޖެ އެވެ.

މަގާމުގެ ހުވާކުރެއްވުމަށް ފަހުގައި ޝާޒް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަދަކީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށެވެ. އެއީ މީގެ ކުރިން އެމްޑީޕީއަށް ދުވަހަކުވެސް ލިބިފައިނުވާ ގޮނޑިއެއް ލިބިގެން ދިއުމުން ކަމަށް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ އާ މެންބަރު ޝާޒް - ފޮޓޯ: މަޖިލީސް

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލީހަށް މި ވަދެވުނީ ކުރު މުއްދަކަށް. އަޅުގަނޑުގެ ކެމްޕޭންގައި އަދި މީގެ ކުރިން ދާއިރާގައި އުޅުމުގެ ތެރެއިން ރައްޔިތުންގެ ކިބަިގެން ކަންތައްތަކެއް ދަސްވެފައި އެބަހުރި. ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ބޭނުންވާ އެހެން ނަމަވެސް ކުރަންހުރި ކަންތައްތަކެއް އެބަހުރި. އެ ކަންތައްތައް ފުއްދުމަށް މިއީ ކުރު މުއްދަތެއް. އެހެންކަމުން އަޅުގަނޑަކަށް މަޖިލިސް ބޭކާރު ވާހަކަދެއްކޭނެ ޖާގަޔެއް ނެތް." ޝާޒް ވިދާޅުވި އެވެ.

ކ. ގުޅި،ކ. ގުރައިދޫ، ކ. މާފުށި ދާއިރާގެ ރައްޔިތުންނަށް ލާބަޔާއި މަންފާއާއި އެބޭފުޅުންގެ އުންމީދުތައް ހާސިލް ކުުރުމަށް މިއީ ކުޑަ މުއްދަތެއް ކަން ފާހަގަކުރައްވަމުން ޝާޒް ވިދާޅުވީ މި މުއްދަތުގައި ގާނޫނާއި އެއްގޮތުގެ މަތިން ސަރުކާރާއި އެއްބާރުލުންދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މެންބަރު ޝާޒްގެ ގާނޫނީ ހުވާ ކުރެއްވީ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގާނޫނީ ހުވާ އޭނާއަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ.

ގުރައިދޫ ދާއިރާގެ އާ މެންބަރު ޝާޒް - ފޮޓޯ: މަޖިލީސް

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މި މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.

ގުރައިދޫ ދާއިރާގެ މެދައިންތިހާބުގައި އިބްރާހިމް ޝާޒްއަށް ވަނީ ޖުމްލަ 1346 ވޯޓު ލިބިފައެވެ. ޕީޕީއެމްގެ ހުސެއިން ރިޒާ ލިބުނީ 1226 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އާރިފް އަށް ދާއިމީ ނަތީޖާގައި ލިބިފައިވަނީ 122 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ނަގާފައިވާއިރު، މަޖިލިހުގެ ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ނެގީ ޕީޕީއެމުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކ.އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބުޅޯ

    ކޮންކަމެއް ކޮށްދެވޭނީ.

    19
  2. ހަސަން ފޭދޫ

    މަޖިލީހަކީ ގާނޫނު ހަދާތަނެއް ކަމަށް މަހީކުރީ. ސަރުކާރުން ކަމަށް ކަން ކަން ކޮށްދޭންޖެހެނީ. ކޯޓުތަކުން ކުރާނީ ހުކުމްކަމަށް. މަޖިލީސް މެންބަރުންނަށް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައްބަލާ ސަރުކާރުން ނުކޮށްދީ ހުރި ކަންކަން ކޮށްދެވެންޔާ ކޮށްދެވޭނީ ސަރުކާރަށް ނުވަތަ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން. އެކަމަކު 3 ބާރު ވަކި ކުރަންވެސް އެންމެ ފޯރީގަ ގޮވަނީ މިމީހުން.

    21
  3. ބުރުގާ

    ތީ ކެނެރީގޭ ނަޝީދު އެންޓި ކެންޕޭނުކޮއްގެން ވީވަރު.

  4. މިތާފް

    މަޖިލީހަށް ހޮވުނުއިރު އެތަނުން ކުރަންޖެހޭ މަސައްކަތް މިއޮތީ އަދިނޭގި ވީމާ ކޮންމެވެސް ފަރާތަކުން އެމައުލޫމާތު ދިނުން،ރަނގަޅު. މިފަދަ ވާނުވާނޭގޭ މެންބަރުން ގިނައީ. ގައުމު ހަލާކުވެއްޖެ.

    12
  5. ޙައްްޤު ބަސް

    ތިޔަމީހާއަކަށް ދާއިރާގެ ރައްޔިތަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ކޮށްދެވޭނީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް އެކަނި. މީ ވަރަށް ވަހަކަ.

    10
  6. ޑައެލޯގް

    މަޖިލީހަށް އައީ ރީތިގޮޑިއެއްގައި އިށީންނާކަށެއްނޫންކަން އަހަރެމެނަށްވެސް އެގެއެވެ. ކަލޭމަޖިލިހަށްއައީ އިތުރަށް ވައްކަންކުރާށައި ކޮތަޅުން ރައްޔިތުން ފެލުމަށެވެ.

    12
  7. ރައްޔިތު މީހާ

    މިހިރަ އިއްޒަތްތެރި މެންބަރާއެވެ. މަޖިލިސް މެންބަރުންގެ ޒިންމާ ދަސްކޮށްގެން ކުރިމަތި ލީނަމަ ކިހާ ރަނގަޅު ހެއްޔެވެ.. ކަލޭގެ އިންޓަރވިއު އަޑުއަޙާފަ ހަމަ އަންތަރީސް ވެއްޖެއެވެ.. މަގާމުގެ މަސްއޫލިއްޔަތެއް ތަނެއްދޮރެއް ދޮރުފަތެއް ކަލެއަށް ނޭގެނީބާއެވެ.

    10
  8. ލާމު

    ދާއިރާ ތަރައްގީ ކުރުމަކީ ދާއިރާގެ މެންބަރުގެ ޒިންމާއެއްނޫން. މެންބަރުންގެ ޒިންމާއަކީ ގާނޫނު ހެދުން. ގާނޫނު ހަދާއިރު ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަހުސްގެ ތެރެއިން އަޑުއިއްވިދާނެ. އެއީ އެމަގަށް ގާނޫނު ބައްޓަންކުރަން ކުރަންޖެހޭކަމެއް. ގާނޫނު ތަންފީޒު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްްޔަތެއް. މަޖުލިހަށް އަހަރެމެން މިހޮވަނީ މެންބަރެއްގެ ޒިންމާވެސް ނޭނގޭ މަރުމޯލުންތަ؟!