ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި އެވެ. އެ ނަތީޖާގައި ބައި-އިލެކްޝަންގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް ވަނީ ވަގުތީ ނަތީޖާއާއި އަޅައި ބަލާއި ހަ ވޯޓު އިތުރުވެފަ އެވެ. ނަމަވެސް ނަތީޖާއަށް އައި ބަދަލުގެ ސަބަބުން ވެސް އިންތިހާބުގެ ޖުމްލަ ނަތީޖާއަކަށް ބަދަލެއް ނާދެއެވެ.

ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބްރާހިމް ޝާޒްއަށް ވަނީ ޖުމްލަ 1346 ވޯޓު ލިބިފަ އެވެ. ވަގުތީ ނަތީޖާގައި ޝާޒް އަށް ލިބުނީ 1340 ވޯޓެވެ.

ޕީޕީއެމްގެ ހުސެއިން ރިޒާ އަށް ލިބުނު ވޯޓަށް ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާގައި ވެސް ބަދަލެއް ނެތެވެ. އޭނާ އަށް ލިބުނީ 1226 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އާރިފް އަށް ދާއިމީ ނަތީޖާގައި ލިބިފައިވަނީ 122 ވޯޓެވެ. ވަގުތީ ނަތީޖާގައި އާރިފްއަށް ލިބުނީ 128 ވޯޓެވެ.

އިންތިހާބުގައި ޖުމްލަ ސައްހަ ވޯޓުގެ އަދަދީ 2694 ކަމަށް ދާއިމީ ނަތީޖާއިން ދައްކަ އެވެ. އަދި ވޯޓުލުމުގެ ހައްގުލިބިގެންވާ 3423 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 2755 މީހުން ކަމަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ނަގާފައިވާއިރު، މަޖިލިހުގެ ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ނެގީ ޕީޕީއެމުންނެވެ. މިދިޔަ 14 އަހަރު ގޮނޑި ފުރުއްވީ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. މެންބަރު ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހުއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ކ.އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރެވެ.