ލ. ކުނަހަންދޫގެ އިންޖީނުގެ އާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ މި މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ސައީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ކުނަހަންދޫ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާ އިރު އެ މަސައްކަތް ހުއްޓި އަދި މަސައްކަތް ކުރާ މުވައްޒަފުންވެސް އެހެން ކަމަކަށް ގެންގޮސްފައިވާ ކަމަށެވެ.

ހަމަ އެހެންމެ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނުވެސް ނުލިބި މަޑުޖެހި އަދި ނަރުދަމާގެ މަސައްކަތް ފެށުމަށްފަހު އެމަސައްކަތްވެސް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި އެއާއެކު ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނާއި މި މަސައްކަތް ކުރާ މުވައްޒަފުންވެސް ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި ދިގުދެމެމުންދާ ކަމަށް ގަރާރުގައިވެއެވެ.

އެހެންކަމުން ރައްޔިތުންނާއި ގުޅުންހުރި މިފަދަ އަސާސީ މަޝްރޫއުތައް ހަރުދަނާ ޒިއްމާދާރު ގޮތެއްގައި ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ކުނަހަންދޫ އިންޖީނުގެއާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި ސައީދު ސަރުކާރަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު