ބޮޑެތި މަސްއޮޑިތައް ބަން އޮޑިވެރިން ދަރަނިވެރިވެ ގެދޮރު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ފަހަތަށް ދާކަމަށް މިހާރު ބައެއް އޮޑިވެރިންނާ މަސްވެރިން ބުނަން ފަށައިފިއެވެ. އަދި އެކަން އެހެން ވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމުގައި އެމީހުން ބުނަމުން ދާ ކަމަށެވެ.

ކޮމިޓީގައި ފިނޭންސް މިނިސްޓަރ އަމީރު އާ ކުރެއްވި ސުވާލެއްގެ ތެރެއިން ރިޔާޒް ފާހަގަކުރެއްވީ، ބައެއް ރަށްރަށުގައި ފެނަކައާއި އާރުޑީސީ އަށް އާދަޔާ ހިލާފަށް މާ ގިނަ މުވައްޒަފުން މަސައްކަތެއް ނެތަސް ނަގައި، އެފަދަ ރަށްރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވި މީހުން މަދުވެ އެކަމަށް އަސަރުކުރާވަރަށް އެމައްސަލަ ބޮޑުވެފައިވާ ކަމެވެ.

އެގޮތުން ދޯނިތަކުން މަހަށް ނުފުރި، އާމްދަނީ ނުލިބުމުގެ ސަބަބުން ގެ މޯގޭޖް ކޮށް ލޯނު ނަގައިގެން ބޮޑެތި މަސްއޮޑި ބަނދެފައިވާ ބައެއް އޮޑިވެރިން ބަނގުރޫޓުވެ، ގެ ގެއްލޭ ހިސާބަށް ގޮސްފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ތ. ފުނައްޑޫ މަސްފެކްޓްރީ މިފްކޯއަށް ނެގި ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯވެސް ޢަބްދުﷲ ރިޔާޒް ސުވާލުކުރެއްވިއެވެ. އަދި މީގެ ކުރިން އެސްއޯއީ ކޮމިޓީއަށްވެސް މި މައްސަލަ ހުށަހަޅުއްވާފައިވާނެކަން ފާހަގަކުރެއްވިއެވެ.

މި ސުވާލަށް މިނިސްޓަރ އަމީރު ދެއްވީ ފިނި ޖަވާބެކެވެ. މިނިސްޓަރ ވިދާޅުވީ މިފްކޯއަކީ ވަކި ޝަހުސެއްކަމާ، އެއީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑެތި މަސްއޮޑިތައް ބަން އޮޑިވެރިން ދަރަނިވެރިވެ ގެދޮރު ގެއްލޭ ހިސާބަށް ގޮއްސި: ރިޔާޒް

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނމވ

    އަމީރު ދޭނީ ފިނިޖަވާބުތާ. އޭނާއަށް ކީއް. އޭނާ އެހެރީ ބޮޑުމުސާރަ ނަގައިގެން ބޭނުންތަށް ފުއްދައިގެން ވިއްޔާ. އޭނާގެ ގޯތި ގެއްލިގެން އުޅޭކަށެއް ނުޖެހޭތާ. މައްސަަލައަކީ މި ސަރުކާރުގައި ހަގީގީ ފިނޭންސު މިނިސްޓަރެއް ނެތުން.

  2. ރިލޭ

    ގޭދޮށު މަސް ފެކްޓްރީތަށް މާގިނަވީތާ // ........

  3. ހުސޭނުބޭ

    ކަލޯ ކީކޭ. މަ ހަދާންވަނީ ކަންނެލި އޮޑިއެއް މަތިން. ހަމަގައިމުވެސް ދަރަނިވެރިއެއްނުވޭ.

    2
    1
  4. ހުދު ގަމީސް

    ބޮޑު 18 ދޯންޔާ، ބޮޑެތި ތެޔޮބާޖު ގެންގުޅޭމީހަކައް ދަރަނިވެރިވާންދިމާވާނީ
    1.ހޯދިގޮތް ގޯސްވުން، ހަގީގަތް އެނގޭނީ މަތީފަރާތައް.
    2. ޖައްބާރު އަނިޔާވެރި ވެރިކަމަކާ ދިމާވުން

    3
    1
  5. ހައްގުބަސް

    ރިޔާޒު ކަލޭ ވާހަކަ ދައްކާކަށް ތާހިރެއްނޫން. ކަލޭ ތަނަވަސްކަން ހޯދާފަ ތިހުރީ ފުލުސް އޮފީހުގެ ލާރިގަޑުން

    4
    1
  6. ފަސސ

    މިކަލޭގެ މެން އަގައަރުވަން ލަދެއް ނުގަންނާތީ ހައިރާންވެއެވެ. ތިމަންނާމެންނަކީ ޑިކޮކްރެޓިކް ބައެއްކަމަށް ހެދެންވެގެން ކޮންމެ ދުވަހަކުވެސް އިހުލާސްތެރިކަމެއްނެތި އަގައަރުވަނީ ރައްޔިތުން އޮޅުވާލުމަށެވެ. އިހަށްދުވަހު އިންޑިޔާ އެމްބެސެޑަރު ބޮޑުމަސް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ރޯދަވީއްލުމެއް ދެއްވިއެވެ. އެބައްދަލުވުމުގައި މިއަގައަރުވާ ހުރިހާ މުނާފިގުން ބާވެރިވިއެވެ. މިކަން ރައްޔިތުން ފާހަގަނުކުރާނެކަމަށް ކަލޭމެން ހީކުރަނީ ރާއްޖޭގެ ބައިތުލްމާލަށްއޮތް ދަހިވެތިކަމުގެ ބޮޑުކަމުންނެވެ. ﷲ ތަނަވަސް ރަހުމަތުން ނޮވެމްބަރު މަހު އިމްރާމުބުނާ ގޮތަށް ޓައިގަރުތައް ފާނުފޯޭރާހިސާބަށްގޮސް އަރަގުވާތަން ފެންނާނެއެވެ.