ކ. ތިލަފުށީ ފަޅުތެރޭގައި އަޑިއަށް ގޮސްފައިވާ ދެ އުޅަނދެއްގެ ވެރިފަރާތް ހޯދުމަށް އާބަންކޯއިން އިއުލާނެއްކޮށްފި އެވެ.

އާބަންކޯއިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެންވަޔާރަމަންޓް މިނިސްޓްރީގެ ސައިޓްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް އެސަރަހައްދުގެ ފަޅުތެރެ ހުސްކުރަން ބޭނުންވާ ކަމަށެވެ.

އެސަރަހައްދުގައި ހުރި އުޅަނދުތަކުގެ ތެރެއިން ވެރި ފަރާތެއް ނޭނގޭ ދެ އުނޅަދެއް އަޑިއަށް ގޮސްފައި ވެއެެވެ. އެއީ 37 ފޫޓްގެ ލޯންޗަކާއި 65 ފޫޓްގެ ދޯންޏެކެވެ.

އެ ދެ އުޅަނދު އެ އެސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން އެ އުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ އެ ކުންފުނީގެ ކޯލްސެންޓަރ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކޮށް، 30 ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެގުމަށް އަންގާފައި ވެއެވެ.

އެ މުއްދަތުގައި މި އުޅަނދުތައް ނަގާފައި ނުވާނަމަ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލްގެ ދަށުން މި ދެ އުޅަނދާއި މެދު އަމަލު ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ތިލަފުށީ ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތަކާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާބަންކޯއިން ނެރެފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.