ތިލަފުށީ ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތަކާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ނެރެފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޢާންމުކޮށްފައިވާ އެ އުސޫލުގައި ވަނީ ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށް ވެސް ބެލޭނެއެވެ. މި ނޫން ވެސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީންކުރާނެ ގޮތްތައް އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ އެ ކޯޕަރޭޝަނުން އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެޗްޑީސީން ވަނީ އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް ކުންފުނިން ދޭނެކަމަށާއި އެގޮތުން އޭގެ ވެރިފަރާތް ޔަގީންވާ ނަމަ އެ އެއްޗެއްގެ ހާލަތުގެ ގޮތުން 7 ދުވަހާއި 30 ދުވަހުގެ މުއްދަތެއް ދިނުމަށް އުސޫލުގައި ބަޔާންކޮށްފައިއެވެެ. އެހެން ނަމަވެސް، އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއް ނަމަ ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާއި މެދު އަމަލުކުރުމަށް ކުންފުންޏަށް ބާރުލިބިފައިވާ ގޮތް ވެސް މި އުސޫލުގައި ތަފްސީލްކޮށްދީފައިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރު ވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނަ އިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކުރަމުން އެޗްޑީސީން ބުނީ އެފަދަ ގެއްލުންތަކަކަށް އެ ކުންފުނިން ޒިންމާ ނުނަގާނެކަމަށެވެ.

ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީކުރަމުން އަންނަ އިރު، މިކަމުގައި ދިމާވާދަތިތަކަށް ހައްލު ހޯދުމަށް ކުންފުނިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

އެގޮތުން މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ސަރަހައްދުގެ ފަޅު ތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައިވުމެވެ. މިކަމުގެ ސަބަބުން މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަންނަނީ ހުރަސް އެޅެމުން ކަމަށް އެޗްޑީސީން ބުންޏެވެ. މީގެ އިތުރަށް އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ވަމުން އަންނަ ކަމަށްވެސް އެޗްޑީސީން ފާހަގަކުރިއެވެ.

މި އުސޫލު ގެޒެޓު ކުރި ތާރީޚުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާނެކަމަށް އެޗްޑީސީން ނެރުނު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީމް

    އެޗްޑީސީއިން ބަނޑު ހަންގަޑޭ ނުކިޔާ ތިލަފުށި ފަޅުގައި އުޅަނދު އަޅާނެ އެންކަރޭޖް ޒޯންތަށް ފުރަތަމަ ކަނޑައަޅާ އެތާ އެތެރޭގައި ދުއްވާ އުޅަނދުތަށް ދުއްވަންޖެހޭނެ މަގުތަކެއް ކަނޑައަޅާބަލަ. ތިތާގެ ފިނިކޮޓަރީގަތިބެ ހަމަ ހިތަށް އެރިހާ ހަޑިއެއް ހާވާނީކީއެއްނޫން. ކަންކަން ކުރަން ނޭނގެންޏާ އިނގޭބަޔަކަށް ދީފަ ރައްކާވެބަލަ.