މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މާލޭގެ ގެއެއްގެ ތެރޭގައި އަނބިމީހާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ދައުވާ ލިބުނު އިންޑިއާ މީހާ ދިފާއުވާ ގޮތަށް އޭނާގެ އަނބިމީހާ ހެކިބަސް ދިނުމުން ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.

ފިރިމީހާ، އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާކުރީ ސްރިނިވަސަން ސުބްރަމަނި، 27، އަށެވެ.

އަނބިމީހާ ނިދާފައި އޮއްވައި ވަޅިން ހަމަލާ ދިނީ ކަމަށް ދައުލަތުން ދައުވާގައި ބުނި ނަމަވެސް އަންހެން މީހާ ކޯޓުގައި ހެކިބަސް ދެމުން ބުނީ ވަޅި ހެރުނީ އޭނާ ތަރުކާރީ ކޮށަން ސިޓިންރޫމްގައި އިންނަ ތަނެއްގައި އޮއްވައި ނިދުމުން ނިދީގެ ތެރޭގައި ކަމަށެވެ. އެއީ ވަޅި ހުންނަ ތަނެއް ކަމަށާއި ވަޅި ހެރީ ކަމަށް ބުނެ ކުރިން ބަޔާން ދިނީ ޑީޕޯޓްކޮށްލާނެ ކަމަށް ބުނުމުން ކަމަށް ވެސް އޭނާ ހެކިބަސް ދެމުން ބުންޏެވެ.

ވަޅި ހެރި މަންޒަރު ފެނުނު އިތުރު މީހަކު ނެތުމުން އަނބިމީހާގެ ހެކިބަސް ދޮގު ކުރެވޭނެ ހެއްކެއް ދައުލަތައް ނުދެއްކުނެވެ.

ސްރިނިވަސަން ސުބްރަމަނީގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް ސްރިނިވަސަން ސުބްރަމަނީގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމަށް އެއްބަސްވެފައެވެ. އޭނާ ބުނީ "ގޭތެރޭގައި ހިނގި ޒުވާބެއްގައި އަނބިމީހާ ގަޔަށް ވަޅި ހެރުނީ" ކަމަށެވެ.

އަނބިމީހާ ގަޔަށް ވަޅި ހެރުމަށް ފަހު އަމިއްލަ ބަނޑަށް ވެސް ވަޅި ހެރީ އަނބިމީހާ އަށް ހަމަލާދީގެން އުޅޭ ތަނަށް ފުލުހުން ދިއުމުން އެކަމާ ބިރުން ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުންޏެވެ.

ފިރިހެން މީހާ އަމިއްލަ ބަނޑަށް ހެރީ ފުލުހުން ސީނަށް ދިޔައިރު ވެސް ފިރިހެން މިހާ އަތުގައި އޮތް ވަޅިން ކަމަށް ފުލުހުން ވެސް ކޯޓުގައި ބުންޏެވެ.

ފުލުހުން ޝަރީއަތައް ހުށަހެޅި ހާދިސާގެ ރިޕޯޓުގައި ބުނެފައިވަނީ ހާދިސާ ހިނގައިގެން އުޅޭ ގެއަށް ފުލުހުން ދިޔައިރު، ގޭތެރޭގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށާއި އެގޭތެރެއިން ދެ ވަޅި ފެނިފައިވީ ނަމަވެސް އެއްވަޅީގެ ތިލަ ނެތް ކަމަށެވެ. އަންހެން މީހާގެ ފަލަމަސްގަނޑުގައި ދެ ޒަހަމެއް ހުރި ކަމަށާއި އެކްސްރޭއިން އަންހެން މީހާގެ ފަލަމަސްގަނޑުގެތެރޭގައި ވަޅިއެއްގެ ތިލައެއް އޮތް ކަމަށް ދައްކާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސްރިނިވަސަން ސުބްރަމަނީގެ ފަރާތުން އަނިޔާ ލިބުނު އަނބިމީހާ އަކީ ވެސް އިންޑިއާ މީހެކެވެ.