ނ. ކެނދިކުޅުދޫގައި ގާއިމުކުރަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަނދު އިންސްވެސްޓްމެންޓްސް ކިޔާ ކުންފުންޏަކާއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ، މިއީ މިހާތަނަށް އެ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 2021 ގައެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގައި ކަންނެލި އަދި އެހެނިހެން މަސް ގަނެ ޕްރޮސެސް ކުރުމުގެ ގާބިލް، ކުޑަ ސްކޭލް ގޭދޮށު މަސް ޕްލާންޓެއް ގާއިމު ކުރެވޭނެ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ.

މި ޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކެޕޭސިޓީގެ އިތުރުން 10 ޓަނުގެ މަސް ސްޓޮކް ކުރެވޭނެ ފިނި ކޮޓަރިއެއް ހުންނާނެއެވެ.

އަދި މި ޕްލާންޓްގައި އެކި ކަހަލަ މަސް ކިރައި، ކަނޑާ ސާފުކޮށް ފިނިކޮށް، ވެކިއުމްކޮށް، ބަންދުކޮށް ކޮލިޓީ ޓެސްޓްކޮށް ޕްރޮސެސް ކުރުމަށް ބޭނުންވާ ފުރިހަމަ އާލާތްތައް ހުންނާނެ ކަމަށް ވެސް އިންޑިއަން ހައި ކޮމިޝަނުން ބުނެއެވެ.

ހަނދު އިންވެސްޓްމަންޓް އާއި މިމަސައްކަތް ހަދަން ހަވާލުކޮށްފައިވަނީ 4.4 މިލިއަން ރުފިޔާއަށް ހަތް މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަހުތާން

    ތިޔަ ޕްލާންޓް ހަނދުގައި އަޅާފާ އެތަނަށް ދިވެހިން މަސްކިރަން ދާގޮތަށް ހެދިނަމަ ހާދަ ފައްކާވީހޭ؟