ނ. ކެނދިކުޅުދޫގައި އަންނަ ކުޑަ އީދުގައި ވަރުގަދަ ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

"ރިސޯޓު ބޯއީސް ފުޓްސަލް ކަޕް" ނަމުގައި ބާއްވާ މި ފުޓްސަލް މުބާރާތަކީ ކެނދިކުޅުދޫ ކައުންސިލާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ކެނދިކުޅުދޫ ޒުވާނުން އިސް ނަގައިގެން އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތް ބޭއްވުމަށް އެ ޒުވާނުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ނިންމައިފައެވެ.

މި މުބާރާތުގައި ބައިވެރިވޭނީ ޖުމްލަ 16 ޓީމަށެވެ.

މި މުބާރާތުގައި ހަމައެކަނި ބައިވެރިވޭނީ ނ. އަތޮޅުގެ ހުރިހާ ރިސޯޓަކާއި ދާއިރާގެ ރަށްތަކަށާއި ކެނދިކުޅުދޫގެ ހުރިހާ ޖަމިއްޔާތަކަށެވެ.

މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނި ގޮތުގައި މިއީ މުޅިން އަލަށް އެ ރަށުގައި ބާއްވާ މުބާރާތެކެވެ. އަދި މުބާރާތަކީ ކެނދިކުޅުދޫގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް ވެގެން ދިއުމަށް އިންތިޒާމު ކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.

"ކައުންސިލުން ވެސް ހާމަކޮށްފައި ވަނީ ކައުންސިލަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް،" މުބާރާތް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުންޏެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވިސްނާފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ވިސްނާފައި އޮތީ 15،000ރ. އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި މުބާރާތުގެ "ކިންގް" ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަށް ސްޕޮންސާ ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ސްޕޮންސާ ކުރަން ބޭނުން ނަމަ ގުޅާނީ 9678028 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައްޒަ

    ބޭކާރު ކަންކަމަށް ބޮޑެތި ހަރަދު ކުރާކަހަަލަ ގޮތަކަށް ނޫން ގައުމުގެ އިގުތިސާދު މިއޮތީ. ނިކަމެއްޗަކަށް އެއޗެއް ދިނުން މާ ރަނގަޅުވާނެ.