ނ.ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވީއަވަ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތަށް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމްއެވެ. އަދި ވީއަވަރ އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ސަދީމް އިބްރާހީމްއެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 11،084،571 ރުފިޔާއަށެވެ. އަދި މި މަސައްކަތް 400 ދުވަސް ތެރޭގައި ނިންމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ޕީއެސްއައިޕީ ބަޖެޓުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.