ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގު ހަނިވާ ގޮތަށް މިދިޔަ އަހަރު ޖުލައި މަހު، ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ފާސްނުކޮށް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް ފޮނުވާލުމުން ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނުއުމުގެ ބިލު ފާސްނުކޮށް، އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން ކަންބޮޑުވުން ފާޅުކޮށް އެޖަމިއްޔާއ ިން ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް އެއްވެސް ނޫސްވެރިޔަކަށް މަސްދަރު ހަމަ ކުރަން މަޖުބޫރުކޮށްފައި ނުވިނަމަވެސް، ފުޅާ ދާއިރާއެއްގައި މާނަ ނެގޭ ގޮތަށް އޮތް އެ ގާނޫނުގެ ދަށުން މިހާރުވެސް މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުމުގެ ހާލަތްތައް އޮތުމަކީ އެމްޖޭއޭ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެ ބިލާ އެއްކޮށް ވޯޓު ދީފައިވަނީ، 12 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ، 31 މެންބަރުންނެވެ. ބިލް ފާސްނުވެ ދިޔުމަކީ އެމްޖޭއޭ އިން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށާއި މިކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތާއި މެދު އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައި ކަމަށް ބަޔާނުގައި ބުންޏެވެ.

"މާދަމާއިން ފެށިންގެ މަޖިލިސް އަނެއްކާވެސް ޗުއްޓީއަށްދާއިރު، އަނެއްކާވެސް މި ބިލު އަނބުރާ ތަޅުމަށް އަންނަން ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. ނުވަތަ ދެން އަނެއްކާ ކޮމިޓީ މަރުހަލާ ނިމި، އެ އިސްލާހުތައް ތަޅުމަށް އަންނާނެ ދުވަހެއް ނޭނގި، ނޫސްވެރިން އިތުރު ބިރުވެރިކަމަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ." އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.

ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކުށުގެ ތުހުމަތުވާ މީހާއަށް ވެސް އެދެވޭ ގޮތަށް އޮތްއިރު, ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަމެއް ސާފުވާކަށް ނެތްކަން ފާހަގަކޮށް ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތައް މިއަދު ވެސް އެމްޖޭއޭ އިން ތަކުރާރު ކުރިއެވެ.

އެޖަމިއްޔާ އިން ބުނީ އެ މާއްދާގެ ނާޖައިޒު ބޭނުން ހިފައި، ނޫސްވެރިކަމުގެ ހައްގަށް ހުރަސްއަޅައި ގެއްލުންދިނުމަކީ މިހާރު ވެސް ތަންމިނަށް ހުޅުވިފައިވާ ފުރުސަތެއް ކަމަށެވެ. މަސްދަރު ހިމާޔަތް ކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވެނީ މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމްތަކެއް ހަރުދަނާކޮށް ބައްޓަންވެފައި އޮތުމުން ކަމަށް ބަޔާނުގައި ބުންޏެވެ.

"ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމް ނުކުރެވި, ގާނޫނުގައި މަސްދަރު ހާމަކުރަން މަުޖުބޫރު ކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ. މި ޖަމިއްޔާއިން ގޮވާލަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމުގެ ބިލް ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް, ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ." ބަޔާނުގައި ބުންޏެވެ.

އެމްޖޭއޭ އިން ޑިމާންޑް ކުރަނީ ގާނޫނު އިސްލާހުވެގެން އަންނައިރު, "ގައުމީ ސަލާމަތް" އެއްކޮށް އުނިވެގެން ދިޔުން ނުވަތަ މިހާރު ކޮމިޓީން ނިންމާފައިވާ ގޮތަށް ގައުމީ ސަލާމަތާއި ގުޅޭ ކުށްތަކަކީ ކޮބައި ކަމާއި އޭގެން ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީ ހައްގުގެ ތެރެއިން ހިންގާ ސުލްހަވެރި ހަރަކާތްތައް އިސްތިސްނާވާނެކަމަށް ކަނޑައެޅުން ކަމަށް ބަޔާނުގައި ބުންޏެވެ.

އަދި, ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ, އެގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވެސް އެމްޖޭއޭ އިން ގޮވާލާފައި ވެއެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ އިލްތިމާސަކީ، ނޫސްވެރިންތަކަކަށް މިހާރު ގާނޫނު ބޭނުންކޮށްގެން މަސްދަރު ހާމަ ކުރަން މަޖުބޫރުކުރުމުގެ ކުރިން ވީހާވެސް އަވަހަކަށް ބިލުގެ ކޮމިޓީ މަރުހަލާ ނިމި، އިސްލާހުތަކާ އެކު މަޖިލީހުން ފާސް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މާއްދާ 27 ޖަހައިގެން ޤަލަމާއި ދުލުގެ މިނިވަންކަން ހޯދަން ބޮޑު ތިލަފަތް ކުރަހައިގެން އުޅުނު ރީދޫ ބައިގަޑުގެ ހަޤީގަށް މިފެންނަނީ، ވެރިކަން ބޭނުންވެގެން އުޅުނުބަޔެއް ވެރިކަން ލިބުނީމާ ރަގަޅަށް ބަގުޑި ބައްދަން އެއުޅެނީ ހަމަކުރީގަ ކަންވީގޮތަށް ކަންކުރަން !