އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސްޓްލެކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަނީ އާރްޑީސީންނެވެ.

ސްޓެލްކޯއިން ބުނީ، އެ މަސައްކަތުގެ ތެރެއިން ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، އެމަގުގެ ސްޓޮޕް އެންޑް ޝޮޕް ފިހާރަ ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި ވަގުތީ ކޭބަލެއް އަޅައި، މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމަށް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިކަމާއި ހެދި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަަމަށްވެސް ބުނެފައި ވެއެވެ.

https://twitter.com/stelcomaldives/status/1654073389156536320?s=21&t=klOSmFeIhx4YpmnP5BZifA

ސްޓެލްކޯއިން އޭގެ ފަހުން ވަނީ ވަގުތީ ކޭބަލް އެޅުމަށް ގިނަ އިރުތަކެއް ހޭދަވާނެ ކަމަށް ބެލެވޭތީ، އޭގެ ބަދަލުގައި ކޭބަލްގެ ގެއްލުންވެފައިވާ ހިސާބު ވަކިކޮށް ޖޮއިންޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް 84.4 މިލިއަން ރުފިޔާއަށް ހައުސިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެހެން ނަމަވެސް މިހާރު މި މަސައްކަތް ނިންމޭނެ ކަމަށް އެެ ކުންފުނިން ދީފައިވާ މުއްދަތަކީ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ.