ރާއްޖޭގެ ފުރަތަމަ އެއާރލައިން ޕައިލެޓް ކެޕްޓަން އިބްރާހިމް ރަޝީދު ޕައިލެޓަކަށް މަސައްކަތް ކުރައްވާތާ 40 އަހަރު ފަހުން ހިދުމަތުން މިއަދު ރިޓަޔާރ ވެއްޖެއެވެ.
އޭނާ ހިދުމަތާ ގުޅިވަޑައިގަތީ 1983 ވަނަ އަހަރުގައެވެ. އެއީ ރާއްޖޭގައި އެއަރ މޯލްޑިވްސް އޮތް ޒަމާނުގައެވެ. ކެޕްޓަން އިބްރާހިމް ރަޝީދުގެ އަތުގައި އޮތީ ރާއްޖޭގެ އެއާރލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް 001 ނަމްބަރު ކަމަށް އޭވިއޭޓަރ މޯލްޑިވްސް އިން ބުނެފައި ވެއެވެ.
ރާއްޖޭގެ އޭވިއޭޝަންއާ ގުޅުން ހުރި މުހިންމު ހަބަރުތައް ގެނެސްދޭ އެ ވެބްސައިޓްގައި ބުނެފައިވާގޮތުން އޭނާ ވަނީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގެ އެކި މަގާމުތައް ޕައިލެޓެއްގެ ގޮތުގައި ފުރުއްވާފައެވެ. އޭގެ ތެރޭގައި އެއާރ މޯލްޑިވްސް، އެމްއެންޑީއެފް، އައިލެންޑް އޭވިއޭޝަން ސާވިސް، މޯލްޑިވްސް ސިިވިލް އޭވިއޭޝަން ފާހަގަކޮށްލެވެއެވެ.
ކެޕްޓަން އިބްރާހިމް ރަޝީދު މަގާމުން ރިޓަޔާރ ކުރައްވާ ފަހު ދަތުރު މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އޭނާ މަސައްކަތް ކުރައްވަމުންގެންދެވި ވިލާ އެއަރގެ ފްލައިމީ ފްލައިޓެއްގައި ފަހު ދަތުރު މިއަދު ވަނީ ކުރައްވާފައެވެ.
މި ދަތުރު ކުރެއްވީ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށެވެ.
އޭނާ ޕައިލެޓަކަށް ވާން ޝައުގުވެރިކަން އުފެދިގެން ދިޔައީ ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް މުހައްމަދު ނައީމް (ޕައިލެޓް ނައީމް)ގެ ކުޑަ މަތިންދާބޯޓެއްގެ ފިޔަގަނޑު ކައިރީގައި ލެގިލައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް ގޭގެ ފާރުގައި ހަރުކޮށްފައި ހުރި މަންޒަރު ފެނިގެންނެވެ.
ކެޕްޓަން އިބްރާހިމް ރަޝީދަށް އެންމެ ފުރަތަމަ އެއިރޯނޯޓިކަލް އިންޖީނިއަރިންގ ކިޔެވުމަށް ފުރުސަތު ލިބިވަޑައިގެންނެވީ ޕާކިސްތާނުންނެވެ. ނަމަވެސް ތަމްރީން ފުރިހަމަވެވަޑައިގެންނެވިތާ އެ ގައުމުގައި ކިޔެވުން ކުރިއަށްގެންދަން ރައްކާތެރި ނުވުމުން އެނބުރި ރާއްޖެ ވަޑައިގެެންނެވީ ކަމަށް އެވީއޭޓަރ މޯލްޑިވްސްގައި ބުނެފައި ވެއެވެ.
އެގޮތުން އެނބުރި ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު، ފަހުންވެސް އޭނާ ދިޔައީ ބޭރުގެ އެކި އެކި ތަންތަނަށް ސްކޮލާޝިޕްގެ ފުުރުސަތު ލިބޭތޯ ކުރިމަތިލަމުންނެވެ. އެގޮތުން އޭނާއަށް އޮސްޓްރޭލިއާއިން ދިން ފުރުސަތެއްގައި ތައިލެންޑްގައި ޕައިލެޓް ޓްރެއިނިންގ ފުރިހަމަ ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ.
ކެޕްޓަން އިބްރާހިމް ރަޝީދު ޕައިލެޓް ކޯސްގެ އެންމެ ފަހު ބައިތައް ފުރިހަމަ ކުރެއްވީ 1981 ވަނަ އަހަރު ތައިލެންޑް ގައެވެ.
އޭގެ ފަހުން ރާއްޖެއަށް ވަޑައިގެން ހިދުމަތާ ގުޅިވަޑައިގެންނެވިއެވެ.
އޭވިއޭޓަރ މޯލްޑިވްސް އިން ވަނީ އޭނާގެ 40 އަހަރުގެ ހިދުމަތަށް ޝުކުރު އަދާ ކޮށްފައެވެ.
ސޯ ޕްރައުޑް އޮފް ޔޫ ބޭބެ!