ރައީސް އަބްދުﷲ ޔާމީން ހދ.ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މި ހަފްތާގެ ތެރޭގައެވެ. މި ދަތުރުފުޅުގައި ހދ.ނޮޅިވަރަންފަރަށް ވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ މަގުގައި ތާރު އެޅުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރާނެއެވެ. އަދި ނޮޅިވަރަންފަރަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ބަނދަރު ނިމުން ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޔާމީން ކުޅުދުއްފުއްޓަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.

ކުޅުދުއްފުއްޓަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު އެމަނިކުފާނު ވަނީ ދާދިފަހުން ތ.އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ.