މާލޭގެ ފަސް ވަނަ އަވަށް، ވިލިމާލެ ހިއްކައިގެން ކުރިއަށްގެންދަން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ "ހިޔާ އެކޮމްޕުލިޝްމަންޓް" މަޝްރޫއުއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ފަސްޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރު އަޙްމަދު ސައިފް ވިދާޅުވީ ވިލިމާލޭ-2 މަޝްރޫއަށް ތައްޔާރުވުމުގެ ގޮތުން ތިލަފުށީގައި 200 މެގަވޯޓް ޕަވާސްޓޭޝަނެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނާގޮތުން، ކަރަންޓަށްކުރާ ހޭދަ ކުރުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ތިލަފުށީގައި ގާއިމްކުރާ އެ އެ ޕަވާސްޓޭޝަންގައި ބޭނުންކުރާނީ ތިމާވެއްޓާރައްޓެހި ހަކަތައެވެ. އަދި އެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަށްވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ ތިންލައްކަ މީހުންގެ އާބާދީ އެއްތަންކޮށް ތަރައްގީ އާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން 'ހިޔާ އެކޮންޕޮލިޝްޑް' މަޝްރޫއު އިއުލާން ކުރެއްވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، އެ މަޝްރޫއުގެ ތެރެއިން މިހާރު ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންށާއި މިއަހަރުގެ މިނިވަން ދުވަހުން ފެށިގެން 2030 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް 18 އަހަރު ފުރެމުންދާ ހަމަ ކޮންމެ ޒުވާނަކަށްވެސް މަދުވެގެން 1000 އަކަފޫޓުގެ ބުމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމެންޓެއް ލިބި ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެ މަޝްރޫއުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކާއިރު، އެ ބިމުން 130 ހެކްޓަރުގައި 82000 ފްލެޓް އަޅާނެ އެވެ. އަދި ގޯތި ދޫކުރުމަށް ހިއްކާ ފުށި ދިއްގަރުން ދޫކުރަނީ 1000 އަކަފޫޓުގެ ގޯއްޗެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބްރިޖުތަކުން ގުޅާލަން ވަނީ ނިންމާފައިވާއިރު، އެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން، ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވި އެ މަޝްރޫއަށް ފޯމް ދޫކުރުން މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ވަނީ ފޯމް ނަގައިފައެވެ.