މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ލަސްތަކެއް އުޅުނަސް އެކަމުގައި ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ނާއިބު ރައީސް ކަމުގެ މަގާމު ފުރައްވަމުން ގެންދަވާ ދުންޔާ އެގޮތަށް ވިދާޅުވީ ބުރިޖުގެ މަސައްކަތް ލަސްކަމަށް ޕްލޭނިން މިނިސްޓަރު މުުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ދުންޔާ ވިދާޅުވީ ތިލަމާލެ ބުރިޖަކީ އަސްލު ދަރަނި ދަންތުރައެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ ބުރިޖެއް ހެދުމުގެ ތަޖުރިބާއެއް ހުރި ކުންފުންޏެއް ވެސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަސައްކަތް ކިތަންމެ ލަސްކުރިޔަސް ސަރުކާރަށް އެކަމުގައި އެއްޗެއް ބުނެވޭކަށް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

"ބުނެފިއްޔާ ލޯނު އިންޓަރެސްޓު މަތިވޭ. ލޯނު އެގްރީމެންޓާއި ކޮންޓްރެކްޓު އެވޯޑުކުރިގޮތް ހާމަކުރުން މުހިންމު.!" ދުންޔާ ވިދާޅުވި އެވެ.

ބުރިޖުގެ މަސައްކަތް ލަސްކަމަށް އަސްލަމް އެއްބަސްވެވަޑައިގަތް ނަމަވެސް އޭނާ ވިދާޅުވީ މަސައްކަތް އަވަސްކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އެ ލަސްވެގެން އުޅޭ މަސައްކަތުގެ ފުރިހަމަ ތަފްސީލެއް އަސްލަމް ނުދެއްވައެވެ.

މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ކާސްޓިން ޔާޑުގައި ޑެކް ސެކްޝަންތައް ހަދަމުންދާ ކަމަށެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން ބްރިޖުގެ އެންމެ ބޮޑު، އަދި އެންމެ އުނދަގޫ މަސައްކަތްތައް އެފްކޮންސް އިން ކުރަމުން އަންނަނީ ގުޅީފަޅުގައެވެ.

މި މަޝްރޫއުއަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް ވެސް ހުރީ ގުޅީފަޅުގައެވެ. އެ ތަނުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެކި ޝިފްޓުތަކަށް ބަހާލައިގެން 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުގައި އެކަނިވެސް މައިގަނޑު ނުވަ ތަނބު ހުންނާނެއެވެ. މިވަގުތު މާލެ ސަރަހައްދުގައި ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ އެއްގަމުގައި ޖަހާ ހުރިހާ ތަނބުތަކެއްގެ ޕައިލިން މަސައްކަތް ނިންމައި ޕައިލް ކެޕްގެ މަސައްކަތެވެ.

ތިލަމާލެ ބްރިޖު ހަދަން މާލޭގެ އެއްގަމުގައި ޖަހާ ހުރިހާ ތަނބެއްގެ ޕައިލިން މަސައްކަތް ނިމުމުން ޕައިލް ކެޕް އެޅުމުގެ މަސައްކަތް ކުރާ އިރު، އެކަން ނިމުމުން ދެން ފެށޭނީ ބްރިޖުގެ ސުޕަ ސްޓްރަކްޗާ ގާއިމު ކުރުމުގެ މަސައްކަތެވެ.

އެފްކޮންސް އިން ދީފައިވާ ތާރީހަށް ބަލާއިރު، އަންނަ ޑިސެމްބަރަށް މާލެއިން ފެށިގެން ވިލިމާލެއަށް ބްރިޖުގައި ދަތުރުކޮށްލެވޭ ވަރު ވާނެއެވެ. އަދި އަންނަ އަހަރު ބްރިޖުގެ ބާކީ ހުރި މަސައްކަތްތައް ނިންމާލެވޭނެއެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ އިރު، އިންޑިއާ ވަނީ ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދިނީ އިންޑިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރުލިޝަން

    އުމުރާނީ ތަރައްގީ ބޭނުމެއްނޫނޭ ކިޔާ އައި މީހުން މިއީ. ވޯޓު ކައިރި ވީމާ ޔާމީނު ހިނގި މަގުން އެހިނގަނީ. އުމުރާނީ ތަރައްގީގެ މުހިންމުކަން ފެނިއްޖެ. އެމީހުންގެ ހާލުގެ ދުލުން ބުނާ ކަހަލަ ހަމަ ޔާމީނު ރަނގަޅޭ.

  2. ފެންވަރު

    ކޮން ބްރިޖެއްއެޅޭނީ ބަލަ މެކުނުފުމުނަކަސް ގާހަކައަކައް ނުފުމެވޭނެ މިސަރުކާރައް ބްރިޖްއެޅޭނީ އަނގައިން 25ބުރީގެ ތަނެއްވެސް އެޅިއެއްނު

    6
    1
  3. އިސްޢާފް ސަލީމް

    5 އަހަރު ދިޔައީ ޗޮކުން! ދުނިޔެން ދުވަހެއް އޮތިއްޔާ ކޮންމެސްދުވަހަކުން ތިކަން ނުވާނެޔެކޭ ނުބުނާނަށް! އެކަމަކު ތިޔަ ދިގުދެމިގެންދާ ކޮންމެ ދުވަހަކީ ރާއްޖެއަށްލިބޭ ބޮޑުގެއްލުމެއް!
    " ވަގުތު ފާއިތުވުމުން އެކުރާ އަސަރު އެއީ ފަހެ އަސަރަކަށް ވޭތޯ
    ތަގުޑި ދިގުވީމަ ދަންބެރުގައި ޖަހާ ފުނަ ރީތިވާނޭތޯ "

    6
    1
  4. ޜައްޔިތުމީހާ

    ބްރިޖުނިމޭއިރު ހުންނާނެގޮތުގެ ތަފްސީލް ކިތަންމެވަރަކައް ނޫސްތަކުގަލިއުނަސް ތިޔަތަންނިންމަން މަދުވެގެން އިތުރު 2 އަހަރުނަގާނެ

    4
    1
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ދުންޔާ ގެ ބައްޕަ އަކީ ކޮންމެ ފަދަ ބޭފުޅަކަށް ވިޔަސް، ދުންޔާ އަކީ މިހާރު ވަރަށް ތަފާތު ބޭފުޅެއް. ޗާގޯސް ގެ ވާހާކަ އާއި ޤައުމުގެ ހުރިހާ އިޝޫ އަކަށް ވެސް ވަރަށް ކެރިގެން ފާޑު ވިދާޅުވޭ. މައްސަލަ އަކީ ރިޔާސީ އިންތިޙާބު ގެ ދެވަނަ ބުރުގައި ނާޒިމް ގެ ޕާޓީ، އިބޫ އާއި އެކުވުމަށް ދުންޔާ ވެސް ތާޢީދު ކުރައްވާނެ ކަމަށް ލަފާކުރެވޭތީ!

    3
    1
  6. މަންނު

    ވެރިކަމުގަ މޮޔައަކުބެހެއްޓީމަ ވާނެގޮތްތިޔައީ ދެންވެސް މެކުނުފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެކަން 100 ފަހަރު ކިޔާ އިބުރަތެއް ހާސިލްކުރާންވެއްޖެއެއްނު.