ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދާ ގޮތާ ގުޅޭ ގޮތުން ހިތްހަމަނުޖެހިގެން ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް "މަކުނަށް" ގޮވައި މަޖިލިހުގެ ޖަލްސާ ހަލަބޮލިކޮށްލުމުން މިއަދު ނިންމާލައިފިއެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އިސްކޮށް ތިއްބަވާ އާ ސިޔާސީ ޕާޓީއެއް އުފައްދަން ފެށުމާ އެކު، މަޖިލިހުގެ ތެރޭގައި ވަނީ ބައިބައިވުން ބޮޑުވެފައެވެ. މިއަދު ހެނދުނު ދަންފަޅީގައި މަޖިލިސް ޖަލްސާ ކޮންޓްރޯލް ނެންގެވީ، ނަޝީދަށް ވަފާތެރި މެމްބަރުންނެވެ. އޭރުގައި މަޖިލިހުގެ ތަޅުމުގައި ތިއްބެވީ ވެސް ސަރުކާރަށް ތާއީދު ކުރައްވާ މަދު މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް - ފޮޓޯ: މަޖިލީސް

އެކަމަކު، ހުސް ވަގުތުކޮޅަށް ފަހު، މަޖިލިސް ޖަލްސާ ފެށުނު ފަހުން، މަޖިލިހުގެ ކޮންޓްރޯލް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އޭރު މަޖިލިހުގެ ތަޅުމުގައި ނަޝީދު ފަޅީގެ މެމްބަރުން އެއްވެސް ގޮތަކަށް ނެތެވެ. އެވަގުތު ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ނަޝީދަށް ތާއީދު ކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ޖަލްސާގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ އަފީފް ރިޔާސަތު ބަލަހައްޓަވަނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެފައި ވަނީ އަފީފް ރިޔާސަތުގައި އިންނެވީ "މަކުނެއް ސައްކެޔޮ ގަހަށް އަރާ" އިންނަ ހެން ކަމަށެވެ.

"މަނިކުފާނު [އަފީފު ރިޔާސަތުގައި] ތި އިންނެވީ، މަކުނެއް، ރާމާމަކުނެއް ސައްކެޔޮ ގަހަށް އަރާ އިންނަހެން މިއަދު ތި ގޮނޑިއަށް އަރާ. މަނިކުފާނަށް އެނގޭތޯ،" ސަނީފު ވިދާޅުވި އެވެ.

ސަނީފް މިގޮތަށް ވާހަކަ ދައްކަވަން ފެށުމުން އަފީފް ވަނީ ސަނީފަށް ފުރުސަތު ނުދޭން ނިންމަވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެވަގުތު ބަހުސްކުރަމުން ގެންދެވީ މަސްވެރިންނަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ، ނަޝީދު ފެކްޝަންގެ މެމްބަރަކު ހުށަހެޅުއްވި ގަރާރަކަށެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް - ފޮޓޯ: މަޖިލިސް

ސަނީފް ވިދާޅުވީ ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި ޤަވައިދާ ޚިލާފަށް ރިޔާސަތުން އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން މަޖިލިސް ގަވައިދު ބުނާ ގޮތުން މަޖިލިސް ރައިސް އާއި ނައިބު ރައީސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ، އެހެން މެންބަރަކާ ރިޔާސަތު ހަވަލުކުރާ ނަމަ، އެކަން ކުރަން ވާނީ ސަބަބު ބަޔާންކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަބަބު ބަޔާން ނުކޮށް އަފީފް ރިޔާސަތުގައި އިންނެވުމުން ސަނީފް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

މީގެކުރިންވެސް މިފަދަ ކަންތައް މަޖިލީހުގައި ހނގާފައިވާކަން ސަނީފް ފާހަގަ ކުރެއްވިއެވެ.

ސަނީފްގެ ވާހަކަތަކާއި ގުޅިގެން ރިޔާސަތުގައި އިންނެވި އަފީފު، ސަނީފުގެ ވާހަކަ ވަގުތުން ހުއްޓުވިއެވެ. އެހެންކަމުން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން އެކަމާ އަޑު ގަދަކުރަން ފެށިއެވެ. އަދި ސަނީފް ވާހަކަ ދެއްކުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

އަފީފް ވިދާޅުވީ ސަނީފްގެ ސުވާލުތައް ރައީސް ނަޝީދު އަދި އީވާ އާއި ނުކުރައްވަނީ ކީއްވެގެންތޯއެވެ. އަދި ހުށަހެޅިފައިވާ ގަރާރަށް ބަހުސް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަފީފް މިހެން ވިދާޅުވުމުން ސަނީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅާއަކީ މެންބަރުންނަށް އިޝާރާތްކޮށް ރައްދު ދޭ ފަރާތެއް ނޫން ކަމަށެވެ.

"މަޖިލިސް ގަވައިދު ބުނާ ގޮތުން، މަޖިލިސް ރިޔާސަތަކީ މެންބަރުންނަށް އިޝާރާތްކޮށް ރައްދު ދޭ ފަރާތެއް ނޫން. މަނިކުފާނު ތިޔަ އިންނެވީ މަކުނެއް ސައްކެޔޮ ގަހަކަށް އަރާ އިންނަހެން،" ސަނީފު އަނެއްކާވެސް ވިދާޅުވިއެވެ.

ސަނީފް މިހެން ވިދާޅުވުމުން އޭނަގެ މައިކުގެ އަޑު ކަނޑާލެވުނެވެ. އަދި ދެވަނަ ފަހަރަށް ވާހަކަ ދައްކަން ފުރުސަތު ނުދިނެވެ. އެހެންވެ، މަޖިލިހުގެ ތަޅުން އިތުރަށް ހޫނު ގަދަވެ، ނިޒާމީ އޮއިވަރެއްގައި މަޖިލިސް ޖެހުނެވެ. އަދި ސަރުކާރު ފަޅީގެ މެމްބަރުން ނިޒާމީ މައްސަލަ ނެންގެވުމުގެ ފުރުސަތު ރިޔާސަތުން ނުދިނުމުން، ބައެއް މެމްބަރުން ކޮޅަށް ތެދުވެ، އިދާރީ މޭޒު ކައިރި އަށް ވަޑައިގަތެވެ.

އަދި މަޖިލިހުގައި އަޑުގަދަ ކުރައްވާތީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން ނުކުންނަވަން ރިޔާސަތުން އެންގެވިއެވެ. ފަލާހް ނުކުންނަވަން ދެން މަޖިލިހުގެ ޖަލްސާ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލިއެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން ރިޔާސަތުން އިއުލާން ކުރެއްވީ މިއަދުގެ ޖަލްސާ ނިންމަވާލެއްވި ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަޖަމް

    އާ ގާނޫނު އަސާސީ ހެދި ދުވަސްވަރާއި ދެންވަމުން ދިޔަގޮތް ބަޔަކު ހަނދާން ނެތޭހައި ދުވަހެއް ނުވޭ. ސިޔާސީ ދާއިރާގައި އެންމެ އާންމު އެއް ބަހަކީ ހަޖަމް. އޭރު އަފީފުމެން ދުލަށް އައިހައި އެއްޗެއް ގޮވާފައި ގޮވަމުން ދިޔައީ ހަޖަމު ކުރަން ދަސްކުރަންވާނެއޭ. ހަޖަމު ކުރާށޭ. މިއަދު މީހަކު އެއްޗެއް ބުނެލާއިރަށް ހަޖަމު ނުވެގެން ޖަލްސާ ތިޔަ ނިންމާލީ. އެމީހަކު ކުރި ކަމެއް އެމީހަކާ އަރާ ހަމަކުރާ ދުވަސް އަންނާނެއޭ ބުނަނީ މިހެންވީމާ. މިއަދު މިއީ އެދުވަސް.

    28
    1
  2. އާމިރު

    އަފީފު މިހާރު ކަމަކުނުދޭ ތަންކޮޅެއް ބޮޑުވަރު ތިޔަ ނަސީދަކާހުރެ އަފީފުގެ އަގުވެއްޓެނީ މީހުންގެ ކުރިމަތީ އިތުބާރު ގެއްލެނީ އޯކޭ ޕާޓީ އުފަށްދާ ނަމަވެސް ހަމަހަމަ ކަމާ އިންސާފުން ކަންކުރައްވާ .

  3. ހިކި ކިރު

    ތައްޔިތުންނޭވެ! މިފަދަ ގޮތެއް ފޮތެއްނެތް ބަޔަކަށް ވޯޓު ދިނުމުގެ ބަދަލުގައި އޮނަރަބަލް ޤާސިމް އިބްރާހިމަށް ވޯޓު ދެމާތޯއެވެ. އޭރުންވެސް ދެން ވާނެގޮތެއް ފެނިދާނެތާއެވެ.

  4. ކާނަލް ދަގުލަސް

    މްަޖިލީހަކީ ބަކަރި ކޮއްޓެއް ނޫން

    12
    • Anonymous

      މަހީކުރީ އެއީ ރޯނުގޭ ބަކަރިކޮށި ކަމަށް. މިހާރު އެނގިއްޖެ އެއީ ބަކަރިކޮށްޓެއް ނޫންކަން. އެއީ މަކުނު ކޮށްޓެއްކަން.

  5. Anonymous

    އެމްޑީޕީން މިރާއްޖެ ގެނައި މަކުނުގެ ސިޔާސީ ނިޒާމް މިވަނީ ބޮޑުތަނުލް ފެއިލްވެ އެކުސްޕެޔާވެފައި ދެން ލަލަލާ ލަލަލާ ލަލަލާ !

    19
    1
  6. ޙޮބޭ

    ރިޔާސަތުގަ ތިމަކުނުތައް އުޅޭތާ ދުވަސްކޮޅެއްވެއްޖެ.

    19
    2
  7. ކަރަން

    ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހާދަ ހަޑިވެގެން މި އުޅެނީ، ކަމަކާ މޭ ކަރަނީ ތޯއްޗެއް. މިމީހުން ހިތުން ރައްޔިތުންނަކަށް ނޭގޭ މިމީހުން ހާވާ ހަޑިތައް.