އަންނަ ރިޔާސީ އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލެވޭނެ ގޮތް މަގުފަހި ކުރުމުގެ ގޮތުން އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވަނީ ވޯޓު ފޮށި ބަހައްޓަން ނިންމި ގައުމުތައް ހާމަކޮށްފަ އެވެ.

އޭގެ ތެރޭގައި ދިވެހީން އެންމެ ގިނަ އަދަދަކަށް ދިރިއުޅެމުންދާ އިންޑިއާއާއި ސްރީލަންކާ ހިމެެނެ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްއާއި ނިއުދިއްލީގައި ވޯޓު ފޮށި ބަހައްޓާއިރު ލަންކާގައި ވޯޓު ފޮށި ބަހައްޓާނީ ކޮލަމްބޯގައެވެ.

އޭގެ އިތުރުން ސިންގަޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައި ވެސް ވޯޓު ފުށި ބަހައްޓާނެކަމަށް ހަބީބް ވިދާޅުވިއެެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވަން ނިންމާފައިވާއިރު، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، އެމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވެސް އީސީން ވަނީ ނިންމާފައެވެ.

އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް 5597 އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ހިމެނިލައްވަ އެވެ.

އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީން ކެންޑިޑޭޓެއް ނެރޭއިރު ޕީޕީއެމްއިން ބުނަމުން ދަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލުގެ ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު