ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން، ރަށް ރަށުގައި ހިންގާ ގިނަ މަޝްރޫއުތައް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ފ. ފީއަލީ އަށް ވަޑާއިގެންފައެވެ. އަދި އެ ރަށުގައި ހުންނަ ފެނަކައިގެ އޮފީސް އިމާރާތާއި އައިސްޕްލާންޓް ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ހަފްލާގައި ރައީސް ވަނީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ގިނަ މަސައްކަތަކެް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އިންތިހާބުގެ ކުރިން ގިނަ މަޝްރޫއުތައް ނިންމާލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފެނަކައިގެ 68 އާ އޮފީސް މިހާތަނަށް ނިންމައިފި. އެ ކުންފުނިން 48 އިންޖީނުގެ މިހާތަނަށް ހުޅުވައިފި. އަޅުގަނޑު ރަށްރަށަށް ގޮސް މިޖެހެނީ ރިބަން ކަނޑަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތައް ނިމި ގިނަ ހިދުމަތްތައ ލިބެން ފަށާނީ ޖުލައި އަދި އޮގަސްޓު މަހުއެވެ. އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގެ ކުރިން 122 ރަށެއްގައި މިހާރު ކުރަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ނިމޭނެއެެވެ. އަދި ވޯޓުގެ ކުރިން 28 ރަށެއްގައި ވެސް ފެނަކައިން އިތުރު އިންޖީނުގެތަކުން ހިދުމަތް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޔަ

    5 އަހަރުން 4 މަޝްރޫޢު. އޭގެ ކުރިން ރިބަން ކެނޑީ! މިހާރުވެސް ގިނައީ ރިބަން ކަނޑާ މަޝްރޫޢު. ގޯހެއްނޫން ސުލޯލިޙްގެ މަސައްކަތެއް!

  2. ސޯލޭ

    މިކަލޭގެ ހަދާ ސާމްޕަލް ކޮޓަރިތައް ކޮބާތަ މަރިޔަން ނިޝާއައް އެކަނިތަ އެތަނުން ކޮޓަރިއެއް ލިބުނީ

  3. އިއްބެ

    * އެންމެ ފްލެޓެއްވެސް ނުހެދުނު
    * ޓާސަރީ އެންމެ ހޮސްޕިޓަލެއްވެސް ނޭޅުނުތާންގަ އާދައިގެ ޞިއްޙީމަރުކަޒެއްވެސް ނޭޅުނު
    * ގޭދޮށު އެންމެ މަސްފެކްޓްރީއެއްވެސް ނޭޅުނު
    * 100 މޭލެ ދުރުގައި އަޅަންބުނި 7 ޕްލެޓްފޯމުގެތެރެއިން އެކަތިވެސް ނޭޅުނު
    * ކަރަންޓްބިލް ފެންބިލް ކުޑައެއް ނުކުރެވުނު
    * ވައިދަތުރުފަތުރުގެ އަގު ، އިންޓަރނެޓްގެ އަގު ހެވެއް ނުކުރެވުނު
    * އަމިއްލައަށް ފަންޑުހޯދައިގެން އެންމެ އެޔަރޕޯޓެއްވެސް ނޭޅުނު
    * ހަދިޔާފޮށި ނުދެވުނު
    * ދަރިވަރުންނަށް ބްރެކްފާސްޓެއް ނުދެވުނު
    * 9 ގެތެރެއިން ކޯޒްވޭ އެކަތިވެސް ނުހެދުނު
    * 4 ބްރިޖްގެތެރެއިން އެކަތިވެސް ނުހެދުނު
    * ކޮންމެ އަތޮޅެއްގައި ހަދަންބުނި މަސްފެކްޓަރީތަކުން އެކަތިވެސް ނުހެދުނު
    * އުތުރާއި ދެކުނުގައި ކޮންމެ ތަނެއްގައި ހަދަންބުނި 4000 ޓަނުގެ 2 ކޯލްސްޓޯޜޭޖްތަކުން އެކަތިވެސް ނުހެދުނު
    * މަސްވެރިޔާގެއަތަށް ސީދާ ޑޮލަރު ނުދެވުނު
    * މަސްވެރިންބާނާ ހުރިހާ މަހެއް ކިރާ ވަގުތުން ފައިސާދޭންބުނިވަޢުދު ނުފެއްދުނުތަނުގައި ދޭންބުނި ހަމައަގުވެސް ނުދެވުނު
    * އަލަށް އެންމެ މިސްކިތެއްވެސް ނޭޅުނު
    * އެމްއެމްޕީއާރުސީ ގެ ވަގުންތައް ނުހިފުނު
    * ކޮރަޕްސަންއަށް ޒީރޯ ނުދެވުނު
    * ނޫ އިގްތިޞާދު ނުދެއްކުނު

    * ދެން ރަށެއްގައި ބަނދަރެއް މަރާމާތުކޮށްލާފަ ދެފަޔަށް ހިނިއަރާގެން އުޅޭވަރުތަ؟
    * އެހެނެއްނޫން ޔާމީން ޖަލަށްލާން ކުރިވަޢުދު ފުއްދައި އިތުރަށް ބޮޑަތި އަނިޔާތައްވެސް ދެވިއްޖެ!

  4. ލ.ހިތަދޫ

    ލ.ހިތަދޫ - މެންދޫ- ކުނަހަންދޫ ކޯސްވޭގެ މަސައްކަތް އަދިވެސް ނުފެށޭ.. މިއީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެފައިވާ ވައުދެއް! ނިމޭނެ ތޯ؟؟؟

  5. ހުސެން

    ނޫނޭ ނުވާނެ ފޮނި ނުކަނޑާ ބާކީ އޮތީ 3 މަހާއި ބައި .