މަނީ ލޯންޑަރިން އާއި ސައްހަ ނޫން ޑޮކިއުމެންޓް ހެދުމާއި ވަގު ޓީޓީތަކެއް ހެދުމުގެ އެތައް ބައިވަރު ދައުވާތަކެއް އޮތް މއ. ހަނީސަކްލް ހުސައިން ޝިފާއު ކްރިމިނަލް ކޯޓުން ދޫކޮށްލިއިރު އޭނާ ވަނީ އެޕާޓްމަންޓެއް ދިގު މުއްދަތަކަށް ކުއްޔަށް ދޭނެ ކަމަށް ބުނެވެސް އެތައް ބަޔަކަށް އޮޅުވާލައިގެން ފައިސާ ނަގާފައިކަން "ވަގުތު" އަށް އެނގިއްޖެއެވެ.

ފުލުހުން އެންމެފަހުން ޝިފާއު ހައްޔަރު ކުރީ ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރީ މީގެ މަހެއްހައި ދުވަސް ކުރިންނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ޝިފާއުގެ ގެ ކަމަށްވާ ހަނީސަކްލް އިން އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އޭނާ އެތައް ބައެއްގެ އަތުން އެތައް ލައްކަ ރުފިޔާއެއް އަތުލާފައިވާ ކަމަށެވެ. "ދިގު މުއްދަތަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭން ކަމަށް ބުނެ ތިން ލައްކަ އިން ހަތަރު ލައްކަ އިން ރުފިޔާ ނަގާފައި އެބަހުރި. އެގްރިމެންޓްގައި ސޮއި ވެސް ކޮށްފައި ފައިސާ ނެގީ. އެގްރިމެންޓްތަކުގައި ސޮއި ކޮށްފައި އޮތީ ޝިފާއުގެ ހާޒިރުގައި އޭނާގެ މަންމަ. ގޭގެ ވެރިފަރާތަކީ މަންމަ ކަމަށް ވުމުން މަންމަ ސޮއި ކުރަނީ. އެކަމަކު ހުރިހާ ފައިސާއަކާއި ހަވާލުވީ ޝިފާއު. އޭނާ މަކަރާއި ހީލަތުން ކުރިއަށް ގެންދިޔަ ސްކޭމެއް އެއީ." މީހަކު ބުންޏެވެ.

އިތުރު މީހަކު "ވަގުތު" އަށް ބުނީ ޝިފާއު ލަނޑު ދިން އެތައް ބަޔަކު މަގުމަތިން އޭނާ ހޯދައިގެން ވެސް ފައިސާ ކޮބައިތޯ ސުވާލު ކުރާ ކަމަށެވެ. "ބުނާނެ ތިމަންނަ ދޭން ޖެހޭ ފައިސާއެއް ނޯންނާނެއޭ. އޭނާ އެއުޅެނީ އެކަކަށް ލަނޑުދީފައި އަނެކަކަށް ލަނޑުދީފައި. އެފަދަ އެތައް މައްސަލައެއް މިހާރު ވެސް ސިވިލް ކޯޓުގައި އެބައޮތް. ނަމަވެސް މައްސަލަތައް ކުރިއަށް ދިއުން ވަރަށް ލަސް. އެހެންވެ އޭނާގެ ފަރާތުން ލަނޑު ލިބުނު އެއްވެސް މީހަކަށް އަދި އިންސާފު ލިބިފައެއް ނެތް." މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޝިފާއުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލިއިރު މިހާރު ވެސް އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ގިނަ ދައުވާތަކެއް ކްރިމިނަލް ކޯޓުގައި އުފުލާފައެވެ. އެދައުވާތައް ސާބިތުވެއްޖެނަމަ އޭނާ އަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކްރިމިނަލް ކޯޓުން ޝިފާއު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން ޝިފާއު ހޯދަން އިއުލާން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާލިމަފު

    މިކަހަލަ މީހަކު ޖެހޭނީ ހައްޔަރުގަ ބަހައްޓައިގެން ތަހުގީގު ކުރަން. އެތައް ކަމެއް މިހުންނަނީ ކޮށްފަ ހަމަ ފާޅުގަ، ގަސްތުގައި މަކަރާ ހީލަތް ހެދުމުގެ ނިޔަތުގަ... ހައްޔަރުކުރޭ...

    15
  2. ސަމްސިއްޔާ

    ކީއްކުރާ މިގައުމުގެ ހާލަތު. ދުވަހަކުވެސް ސާބިތެއް ނުވާނެ. ސާބިތު ވިއްޔާ ކޮންމެސް ނުފޫޒެއް ފޯރުވައިގެން ސަލާމަތް ވެގަންނާނެ.

    15
  3. ސަސް

    މީ ވަގުންގެ ގައުމެއް! ވަގުންނަށް ރައްކާތެރިކަން ލިބޭ ގައުމެއް

    14
  4. ޟމ

    ދެން މިކަހަލަ މީހުން ދޫކޮށްލީމަ ހެއްކަށް ނުފޫޒެއް ނުފޯރުވޭނެ؟ ނޫނީ ފިލައިގެން ގައުމު ދޫކޮށްފަ ނުދާނެ؟