ރާއްޖޭގައި ފެންޝަން ފަންޑުގައި 20.5 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ފެށި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމު ވިދާޅުވީ ޕެންޝަން ފަންޑުގެ ސައިޒު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން އަންނަ އިރު ޕެންޝަން ފަންޑުގައި ބޮޑޫ ހިއްސާއެއް އޮތީ ޒުވާނުންގެ ކަމަށެވެ.

"އެ ފަންޑު މިހާރަށް ވުރެ ވެސް ބޮޑު ކުރުމުގެ ފުރުސަތު އެބަ އޮތް. ޕެންޝަން ފަންޑު ޒަމާނީ ވަސީލަތްތަކާ އެކު ބޮޑުކުރެވޭނެ އާ ގޮތްތައް އަޅުގަނޑުމެން ދަނީ ހޯދަމުން." ސުޖާތާ ވިދާޅުވި އެވެ.

ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ފޯރަމެކެވެ.

"ދަ ފިއުޗަރ އޮފް ފައިނޭންސް އެކްސްޕްލޯރިންގ ދަ އިންޓަސެކްޝަން އޮފް ފައިނޭންޝަލް ޓެކްނޮލީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް" މި ތީމުގެ ދަށުން މަޝްވަރާތައް ކުރިއަށް ގެންދަމުންދާ މި އަހަރުގެ ފޯރަމްގައި މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް އާއި ރާއްޖޭގެ ބައެއް ބޭންކްތަކުގެ ސީއީއޯ އިންނާއި ރާއްޖޭން ބޭރުގެ ދެ މާހިރެއްގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަބްދޫ

    16.5 ބިލިއަން ހުރީ ލިއުންތަކުގަ ބާ ؟އަނެއްކާ މިފައިސާ ސަރުކާރަށް ދަރަނި ދީފަނެތްބާ؟

    6
    1
  2. ޢަލީ

    ފަންޑަށް ފައިސާ ގިނަވުމުން މުވައްޒަފުންނަށް ވީ ގެއްލުން
    ކުރިން މާރަނގަޅު

    7
    1
  3. އައްޔަ

    އެއީ ޢަދަދެއް ދޯ! ލާރި ވީ ހިސާބެއް ނޭގޭ!

    13
    1
  4. ފަޝާން

    ތިއީ ހުރި ފައިސާއެއްނޫން.. ތިއީ ޖަހައިގެންއުޅޭ ހިސާބު ނަމްބަރެއް.

    9
    1
  5. ރަޔާން

    ޕެންޝަން ފަންޑޭ ކިޔާފަ ރީތި ނަމެއް ދީގެން ނިކަމެތި ރައްޔިތުންގެ އަތުން އެމީހުންނަށް ނުވެސް އަންގާ ފާޑެއްގެ ގާނޫނެކޭ ކިޔާ އެއްޗެއް ހަދައިގެން ޣަސްފުން ފޭރިފަ ހުރި 20 ބިލިއަން ތީ !!! އެވަރުން ނުވެގެން ފުލުހުންނޭ ކިޔާ ގޭންގެއް މަގުމައްޗައް ނެރެގެން ވެސް ފޭރެނީ !!

    6
    1
  6. ޙޯރަ

    ކިތަންމެ ގިނަވިޔަސް ތިޔައިން ތިޔަ ފައިސާގެ ޙައްޤު ވެރިންނަށް ކުރާ ފައިދާއެއް ނެތް.

    ޥަރަށް ސަލާމް

    15
  7. ބުރި

    20 ބިލިއަން އޭގެ ހައްގުވެރިންނަށް ދޭނީ ކޮން ދުވަހަކުންތޯ

    13
  8. Anonymous

    ފެންޝަން ފަންޑުގައި 20.5 ބިލިއަން ރުފިޔާ އެއް ނުހުންނާނެ އެވެ. ލިޔެ ކިއުމުގަ ތިވަރަށް ފައިސާ ހުރެދާނެ އެވެ.

  9. އަހްމަދު

    20 ބިލިއަން ތިޔަވިދާޅުވަނީ އެމްޓީސީސީ ގެސީއީއޯ ވިދާޅުވާއުސޫލުން ހަމައެކަނި ކަރުދާހުގަ ހުރިއަދަދުތަކެއްތޯ އުމުރުން 60 އަހަރުވެފަތިބޭ ރައްޔިތުންނައް ފަންޑުގަކިތަންމެލާރިއެއްހުއްޓަސް އެއްމެކުޑަވެގެން ފުލެޓްގަޑެއްވެސް ގަނަލަން އެއިން ލާރިއެއްބޭނުންނުކުރެވޭ އެއީވެސް އިންސާފުތޯ

  10. ފަލަކް

    އަޅުގަނޑުމެންގެ ނުޤަބޫލުގަ އަޅުގަނޑުމެންގެ މުސާރައިން ފޭރިގަތް ފައިސާތީ، މިހާރުންމިހާރަށް ތި ފައިސާ އަޅުގަނޑުމެންނަށް އޭގެ ޙައްޣުވެރިންނަށް އަނބުރާ ދިނުމަށް ގޮވާލަން، ނޫނީ 2 ލައްކަ ހުއްޓަސް އެއިން ޙައްޖައްދެވޭނެގޮތް ހަޖައްސައިދޭން ޖެހޭނެ، މިހާރު ޕެންޝަން ލާރިވެސް އެ ދެނީ އެމީހުންގެ މުސާރައިން ކަނޑައިގެން ދޭ އެއްޗެއްނޫން،

  11. މޫސަ

    ތިޔަ ފަންޑުހައި ކިތަންމެ ފައިސާއެއް ހުއްޓަސް ތިޔައިގެ ހައްގުވެރިންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް. ތިޔައީ ސަރުކާރު ހިންގަން ރައްޔިތުންނަށް އޮޅުވާލައިގެން ފޭރެމުން ދާ އެއްޗެއް.