އައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކަން ގެނައި ނެދަލެންޑްސްގެ ވެން އޫޑް ކުންފުނީގެ ޑްރެޖަރު އައްޑޫ ސިޓީ އަށް ގޮސްފިއެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީގެ އެކި ދިމަ ދިމާލުން ބިން ހިއްކުމެވެ. މި ބޮޑު މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހަދަން މުޅިން އާ ރަށްތަކެއް ހެދުމެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވެން އޫޑް ކުންފުންޏާއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ހިތަދޫ ޒޯން 2 ގެ ޑްރެޖިންގ މަސައްކަތުގެ ޓްރައިލް ލޯޑް އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަޙައްދުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އައްޑޫގެ ބިން ހިއްކުމަށް ގެނައި ޑްރެޖަރު.

މިހާތަނަށް އައިއިރު، މަރަދޫ، މަރަދޫ-ފޭދޫގެ ބަންޑް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ހިތަދޫ ޒޯން 1 އަދި 2 ގެ ބަންޑު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން ޓޫރިޒަމަށް ތަރައްގީ ކުރުމަށް ވަކިން ހިއްކާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ބަންޑް މަސައްކަތް ނިމި ތަން ވަނަ ރަށުގެ ބަންޑު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ހަތަރު ލޭން ލިންކް ރޯޑް އެމްބޭންކްމަންޓްގެ މަސައްކަތުގެ ބޮޑު ބައި ވެސް ވަނީ ނިމިފައެވެ.

"މި މަސައްކަތްތައް ކުރަނީ އީއައިއޭގައިވާ ގޮތުގެ މަތިން މޮނިޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ. އަދި، ބިން އިތުރުކުރެވޭ ސަރަހައްދުގައި ހުރި 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ." މިނިސްޓްރީން ބުނެފައިވެއެވެ.

އައްޑޫ ބިން ހިއްކާނީ ތިމާވެއްޓަށް ވަރަށް ބޮޑަށް ބަލައިގެން: ވެން އޫޑް

ވެން އޫޑް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫ، މަރަދޫ އަދި މަރަދޫ/ފޭދޫ ކައިރިންނެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓެއް ގޮތުގައި ތަރައްގީ ކުރަން ތިން ރަށެއް ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތުގައި ބޭން ކުރާނީ އެ ކުންފުނީގެ ޑްރެޖަރު "އެޗްއޭއެމް 318" އެވެ.

ވެން އޫޑް ކުންފުނިން މީގެކުރިން ވަނީ އެކިއެކި މަޝްރޫއުތައް ވެސް ހިންގައިފައެވެ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ ވެސް ވެން އޫޑް ކުންފުނިންނެވެ. އެ މަޝްރޫއަށް އެކަނި ވެސް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވިއެވެ.

ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދޫ އާއި ގދ. ތިނަދޫ ބިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިއްކާ ނިންމުމަށް ފަހުއެވެ. އެ ކުންފުނިން މި މަސައްކަތުގައި ބޭނުން ކުރަނީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު.

    މިމީހުން ރައިސް އަބްދުﷲ ޔާމީން ވެރިކަމުގައި ބިންހިއްކަން ބަތް މަހާ ޖައްރާފު ބޭނުން ނުކޮށް ނެދަލޭންޑް ކުންފުނިތަކަށް ބިން ހިއްކަން ހަވާލު ކުރަނީ ކަޓުނަގާށާ، މަހާ ޖައްރާފުފެނުމުން ކުރާ އަސަރެގެ ބޮޑުކަމުން...