އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެނޭޖަރުންނަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީން އާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ހަމަޖައްސައިފިއެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އަމީން ކަމަށެވެ. އަދި ޑެޕިއުޓީ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސީ ނާޒިމް ކަމަށް އެ ޕާޓީން ބުންޏެވެ.

ނާޒިމަކީ ޕީޕީއެމްގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަމީން މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުއްޓައި ވަކިކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އަމީން އެ މަގާމުގައި ހުންނަވަނިކޮށް ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށާއި އެހެންވެ އެ ވަޒީފާ އިއާދަކޮށް ދިނުމަށް އެދި ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމް ވެސް ކޮށްފައިވެއެވެ.

ޕީޕީއެމްގެ ރައީސް ކަން ވެސް ކުރައްވާ ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް، މިހާތަނަށް އައިއިރު އެ މައްސަލައިގެ އަޑުއެހުންތައް ނުފަށައެވެ.

ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޔާމީންއާ ދެކޮޅަށް ދަށު ކޯޓުގައި ވެސް އިތުރު މައްސަލަތަކެއް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެއިރޯޑޯމް

    ކާމިޔާބީއަށް އެދެން. ރަނގަޅަށް ހިންގާލާތި....

    10
  2. ޝެއިޚް އަޖުމަލް.

    އަމީނަކީ މީހުން ދަންނަ މީހެއްނުން، އަދި ސިޔާސީ މަސައްކަތުގައި އުޅުނު ނު މީހެއްނުން. ފުޓްބޯލް ފައިންޖެހުނަސް ކުޅެންވާގޮތަށް އެކަން ދަސްނުކޮށް ބޯޅަ ކުޅެ ޓީމް މޮޅެއް ނުވާނެ. އަމީނަށް ތިކަން ނުވެ، އަދި ބަދަލް ކުރާނެ. ރ.ޔާމިން ޖަލުގަވި 2 އަހަރު އެއްވެސް މަގުމަތީ ހަރަކާތެއްގައި އަމީން ނުއުޅޭ.

    6
    3
  3. އިއްބެ

    ވަރަށް ފައްކާ އިންޝާއަﷲ

  4. މަރީ

    އެއިންތިޚާބު އޮންނާނެ ކަމައްބެލެވެނީ މަފުށީގައި ރައީސް ޔާމިނު ހުނަވާ ޔުނިޓްގައި

    5
    10
  5. މެޑަމް އޮފީސް

    ޔާމީނަކީ ވައްކަންކޮށްގެން ޖަލައްލާފައޮތް ބޮޑު މުޖުރިމެކޭ. މުއިއްޒަކީ ކުއްވެރިއެއްނޫނޭ... ވަގުތުން ވަގުތަށް މުއިއްޒަށް ކެމްޕައިން ފަށާށޭ....

    2
    1
  6. އަބްދޫ

    ޔާމީނަކަށް ކުރިމައްޗެއްނުލެވޭނެ. ގާނޫނީ ގޮތުންއެ ފުރުސަތު ޔާމީނަކަށް ނެތް.ފުރުސަތު ލިބޭނީ ހަމައެކަނި މިހާރު ކުރެވިފައިވާހުކުމް ބާތިލްކޮށް މިނިވަން ވިދުވަހަކުން މިހުކުމްދެމި އޮވެގެން ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނެ އެއްސް ގާނޫނީ ހަމައެއް ފެންނާކަށް ނެތް. ކުރިން ނިމަފަހުރި ގާނޫނީ މައްސަލަތަކަށް ޖިނާއީ މައސަލައެއް ރިއާޔަތެއް ނުކުރެވޭނެ. ގާނޫނެއްގަ ވާގޮތަށް އަމަލު ނުކުރުމާއި ޖިނާއީ ހުކުމަކާއި ވަރަށް ތަފާތު.

    1
    1