އިންޑިއާގައި ރޭ ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ތައުޒިޔާގެ މެސެޖެއް ރައްދުކޮށްފިއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވީ 20 އަހަރުތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓްގެ ޚަބަރު އިވުމުން، އޭނާ އެކަމާއި ވަރަށް ފުންކޮށް ހިތާމަ ކުރައްވާ ކަމަށެވެ.

"މި ނުރައްކާތެރި ރޭލް އެކްސިޑެންޓްގައި ނިޔާވި މީހުންގެ އާއިލާއާއި ގާތް މީހުންނަށް އަޅުގަނޑު އިޚްލާސްތެރިކަމާއި އެކީ ތައުޒިޔާ ކިޔަން. މި ހިތާމަވެރި ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވަން" ނާޒިމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބަލަސޯ ސަރަހައްދުގައި ރޭ 7 ޖަހާކަންހާއިރު ހިނގި މި ނުރައްކާތެރި އެކްސިޑެންޓަކީ ފަހުގެ ތާރީހެއްގައި ވެސް އެގައުމުގައި ހިނގާދިޔަ ރޭލު އެކްސިޑެންޓްތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ދުއްވާފައި ދިޔަ ރޭލެއް ޕާކު ކޮށްފައި އޮތް ރޭލެއްގައި އަޅައިގަނެގެން ހިނގާ ދިޔަ މި އެކްސިޑެންޓްގައި 200 އަށްވުރެ ގިނަ މީހަކު މަރުވެފައިވާއިރު، 900 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ.

މި އެކްސިޑެންޓްގައި ސަލާމަތްވި މީހަކު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓުން ސަލާމަތްވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދު ބަލާލުމުން ފެނިގެން ދިޔައީ ލޭގެ ކޯރެއް ކަމަށެވެ.

"އާއިލާތައް ވަނީ ޗިސްޗިސްވެފަ. ބައެއް މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތައް ހުރީ ވަކިން. މުޅި ސަރަހައްދުގައި އޮތީ ލޭގެ ކޯރެއް ހެދިފަ. މިއީ ދުވަހަކު ވެސް ހިތުން ފިލައިގެންދާނެ ކަމެއް ނޫން." އޭނާ ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ކައިރި ހުރިހާ ހިސާބެއްގެ ހޮސްޕިޓަލްތައް ކުއްލި ހާލަތަށް ގެނެސްފައިވާއިރު، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ހުއްޓުމެއް ނެތި ވީހާ ވެސް ގިނަ ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުދީރު

    ރޭގެ ޖަލްސާއަށް ގޮސްފައި ހުންއައިސްގެން ރަޖާލައިގެން އޮަތްހެން ހީވޭ.

  2. 7 ފެބް

    ބޭފުޅާ ހީކުރީ ގައުމުގެ ރައީސްކަމަށް ދެއްތޯ، އަދި ނުލިބެ.

  3. މުރުތަލާ

    އާ... އެމީހުން އެންމެ ބޭނުންވެގެން އުޅެނީ ނާޒިމް ގެ ތަޢުޒިޔާ !!!!

    ލުލް

  4. ޞސބަ

    ލޮލް

  5. ދިވޭމެ

    ކޮން ހައިސިއްޔަތަކުން މިވާހަކަ ހަބަރަށް އެރީ.... މީ މައްސަލަ އަކީ...