ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖަވާބުދާރީ ކުރަން "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ އަކީ ނަމޫނާ ދައްކާނެ ޕާޓީއެއް ކަމަށް އެޕާޓީ އުފެއްދެވުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ މުހައްމަދު ޝިފާޒް (ޝިމްބެ) ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، އެޕާޓީގައި މިވަގުތު ތިބޭ ރާއްޖެއާއި މެދު ފުންކޮށް ވިސްނާ ވަރަށް މާތް ބައެއް ކަމަށާއި އެބޭފުޅުން މިރޭގެ ޖަލްސާއަށް ވަޑައިގަތީވެސް ލިބިދާނެ އިންޒާރަކަށް ބެލުމެއް ނެތި ކަމަށެވެ.

އިންޒާރާއި ބިރު ދެއްކުމަށް ބެލުމެއް ނެތި މިރޭ އެ ބޭފުޅުން އެއްވެ ތިބީ، އެ ހުރިހާ ކަމަކަށްވުރެ، "ނުފޫޒުން ބޭރު، މިނިވަން ކަމާއި އެކީ އޮންނަ އުސޫލެއްގެ ތެރެއިން ލިބެން އޮތް އެއްޗެއް ހޯދުމަށް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ރައްޔިތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ އިސްވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށް ވައްކަމުގެ ތުހުމަތު ކުރަމުން އަންނަ ކަމަށާއި މުޅި ދިވެހި ދައުލަތް ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމަށެވެ.

މިގައުމުގައި ބިނާކުރި، ބަސް ބުނުމުގެ މިނިވަންކަން، އެއްވެ އުޅުމުގެ މިނިވަންކަން، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އަދި މީޑިއާގެ މިނިވަންކަން ވެސް މިހާރު ނަގާލާފައިވާ ކަމަށާއި މިއަދު އެކަންކަން އިސްލާހުކޮށް، މި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަލްސާގައި ޝިފާޒް ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: ނައުޝަމް ވަހީދް

"އަޅުގަނޑުމެން މި ނިކުންނަނީ ތިބޭފުޅުން އެ ބޭނުންވާ ވާހަކަ ލިޔުމުގެ ހައްގު ބިރުވެރިކަމެއް ނެތި، މިނިވަންކަމާއި އެކީ ތިބޭފުޅުންގެ މީޑިއާއަށް ހިންގުމަށް އެ ޖާގަ ހޯދަ ދޭން. އިރާދަ ކުރެއްވިއްޔާ މި ޑޮކްރޭޓުންނެއް ފަހަތަކަށް ނުޖެހޭނެ." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، މި ސަރުކާރު ގެންނަން ވެސް އެންމެ ބުރަ މަސައްކަތް ކުރި އެއް ބަޔަކީ ޑިމޮކްރެޓްސްގައި މިވަގުތު ތިއްބެވި ބޭފުޅުން ކަމަށާއި މީގެ ކުރިން އެބޭފުޅުންގެ އަތުގައި ބިޑި އަޅުވައި، ކަރުނަ ގޭސްވެސް ޖަހާފައިވާ ކަމަށެވެ. އަދި އެވަގުތު ނުވެގެން ޖަލަށް ވެސް އެބޭފުޅުން ލެއްވި ކަމަށާއި ނަމަވެސް ދެން އެކަމަކާއި ޖެހުލުމެއް ނެތި މަގުސަދު ހާސިލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕޯޑިއަމްގައި ހުއްޓާ ގެންދިޔަ ދުވަސްތައް މަދެއް ނުވާނެ. ވަޑައިގަންނަވާ، މި ފެށީ އަޅުގަނޑުމެން އަލުން. މިސަރުކާރު ޖަވާބުދާރީ ކުރުމުގަ މިއީ ނަމޫނާ ދައްކާނެ ޕާޓީ. މިއީ ފަހަތަށް ނުޖެހޭނެ ޕާޓީ. މިއީ އިރާދަ ކުރެއްވިއްޔާ ބިރު ނުދެއްކޭނެ ޕާޓީ" ޝިފާޒް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރު ގެންނަން ޑިމޮކްރެޓްސްގެ މެމްބަރުން ކުރެއްވި ވަރަށް ބުރަ މަސައްކަތް ކުރެއްވި އެހެން ބަޔަކު ނުތިބޭނެ ކަމަށާއި އެހެން ކަމުން މި ހުދުމުހުތާރު ސަރުކާރު ބަދަލު ކުރާނެ ކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލިވާތު އެމްޑީޕީ

    ލާދީނީ ބައިގަނޑު މަޑުން ހުރޭ. ތިއީ ހަމަ އަދިވެސް ލާދީނީ އެމްޑީޕީ މީހުން. އެމްޑީޕީގެ ވަބާ މިގައުމަށް ގެނައި މީހުން

  2. އއ

    2030 ރަނގަޅުވާނެ !

  3. ރައްޔިތުން

    ތީ އަލަށް ވިހޭ ބައެއް ނޫން، އެގޮތަށް ދައްކަން ކިތަންމެވަރަކަށް އުޅުނަސް. ތީ ހަމަ ޔެލޯބެލީ ބައިގަނޑު. ހަމަ އަސްލު މޑޕ ތީ. ވެރިކަމުގެ ބާރުތައް ގެއްލޭތީ މަރަށް ތެޅޭ މުށިމަސް ތަކެއް ތީ. ކޮން ޑިމޮކްރެޓޭކޭ ކިޔާކަށް. ތީ ފިނޑިޔެއްގެ ފަހަތުގަ އުޅޭ ފަކުރުތަކެއް.

  4. ގިރި ފެކްޝަން

    މިއީ ވެބްކެމް މިނިސްޓަރުތަ؟

  5. ހުސޭނުބޭ

    ދަޑި މޮކްރެޓިކްސް އިން ނަމޫނާ ދެއްކުމަށްޓަކައި ހުރިހައި ބޭފުޅުން ވެބްކެމް ބޭނުންކުރައްވާ!