ވިހަ މަހެއް ކައިގެން ސްރީ ލަންކާގައި 27 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

ކަޅުވަންޗިކުޑީގެ ކަލުޑަވެލި ސަރަހައްދުގައި މި ހާދިސާ ހިނގިއިރު، އޭނާގެ މަންމައަށްވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ތަރުޖަމާނަކު ބުނެފައިވާގޮތުގައި މަރުވި އަންހެން މީހާގެ މަންމަ އެ ވިހަ މަސް ގަނެފައި ވަނީ އިއްޔެ މަހުން އައި މަސްވެެރިއެއްގެ އަތުންނެވެ.

"އެ މަސް އެއްލައިލަން އުޅުނީވެސް ވިހަ މަހެއްކަން އެނގި އެ ކެ ވިއްކަން އެކަށީގެން ނުވާތީ. ނަމަވެސް މަސްވެެރިން ދިން އިންޒާރަށް ބެލުމެއް ނެތި އެ އަންހެން މީހާ ވަނީ އެ މަސް ގަނެފައި.". ތަރުޖަމާނު ބުނެފައި ވެއެވެ.

އެ އަންހެން މީހާ ބުނެފައިވާގޮތުގައި، އޭނާ އެ މަސް ގަތީ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންނަށް ކާން ދިނުމަށެވެ. ނަމަވެސް އެ މަސް ކައިފައި ވަނީ އެ އަންހެން މީހާއާއި އޭނާގެ އަންހެން ދަރިފުޅެވެ.

ނަމަވެސް އޭގެ ފަހުން ދެ މީހުންވެސް ބަލިވެ، ބަޓިކަލޯއާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގޮސްފައިވާއިރު، އަންހެން ދަރިފުޅު ވަނީ މަރުވެފައެވެ.

އަދި މަރުވި އަންހެން މީހާގެ މަންމަގެ ހާލު ސީރިއަސްއެވެ. އޭނާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވަނީ މިކަމަށް ސަމާލުވެ، މަސްވެރިންގެ އިރުޝާދުތަކަށް ބޯލަނބައި އެފަދަ މަސްކެއުމުން ދުރުހެލިވުމަށް އެދިފައެވެ. އަދި އެފަދަ މަސްތައް އާންމުންނަށް ނުވިއްކުމަށާއި އެފަދަ މަސްތައް ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސްވެރިންގެ ކިބައިންވެސް ފުލުހުން ވަނީ އެދިފައެވެ.