މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަކީ އިންސާފުވެރިވާނެ އިންތިހާބެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ އެޕާޓީގެ ޖަގަހަގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ބޯމަތިވެގެން އަންނަނީ ވަރަށް ބޮޑު އިންތިހާބެއް ކަމަށާއި ވޯޓު ކަންތަކުގައި ޖަވާބުދާރީ ކުރުވާނެ ބަޔަކު ތިބެން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހުގެ ހާލަތަށް ބަލާއިރު، ޖަވާބުދާރީ ކުރުވޭނެ މަގެއް ނުފެންނަ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

މިހާލަތަށް ބަލައި 9 ސެޕްޓެމްބަރުގައި ބޭއްވޭ އިންތިހާބަކީ "އެންމެ އިންސާފުވެރިކަމާއި އެކީ ބޭއްވޭނެ އިންތިހާބު ކަމަށް" ނުބެލެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލިސް މިއޮތީ މަރުތަޅި އެޅުވިފަ. އިލެކްޝަންގެ މެންބަރުން ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތް. އެހެން ކަމުން މިކަހަލަ ހާލަތެއްގައި ބޭއްވޭ އިންތިހާބަކީ އެންމެ އިންސާފުވެރި ކަމާއި އެކީ ބޭއްވޭނެ އިންތިހާބެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ" ނާޒިމް ވިދާޅުވިއެވެ.

ހަމަ އެއާއި އެކީ އީސީ އަށް ހުށަހެޅިފައި ހުރި ބިލްތަކަށް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ވެސް ވަނީ ކުރިމަތިލާން ނިންމާފައެވެ. އެޕާޓީގެ ރިޔާސީ ޓިކެޓުގައި ނާޒިމް ނުކުންނަވާއިރު، އެމްޑީޕީގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުރިމަތި ލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ އަލީ

    ބުރުގަތީ ދޯ!!!
    އެހެންވީމަ މިފަހަރު ނާޒިމް ބައިވެރިނުވޭ އޭރުން އޯކޭވާނެ އެއްނު!

  2. ޕިސްޕިސް

    ހެހެ މިހާރުއްސުރެ ބަހަނާ ފެށީދޯ . . ތީ އެއްމެން ދަންނަ ބާގީ ނިޒާމް

  3. ނަމަ

    ނާޒިމް އެހެންވީމަ ބުނަންވީނު އިލެކްސަން ކޮމިސަނަރު އެއްވެސް ސަރުތަކާ ނުލާ އިސްތިއުފާ ދޭށޭ

  4. ލޮލް

    އިންތިޚާބު އިންސާފުވެރިވަންދެން އިންތިޚާބުގައި ބައިވެރިނުވެ ގޭގައި މަޑުކޮށްލާ!

  5. ޔާރާ

    އެހެންވީމާ އޮކްޓޫބަރު މަހަށް ފުއާދުބޭ އިންތިޚާބުފަސްކުރޭ. އޭރުން އިންސާފުވެރިވެދާނެ.