މަޖިލިސް މަރުތަޅުން ނެއްޓުވުމުގައި ނެގޯޝިއޭޓް ކުރުމުގެ ބާރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ދެއްވުމަށް އެޕާޓީގެ ރައީސް، އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގޮވާލައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި މުޅިންހެން ފެނިގެން ގޮސްފައިވަނީ ކޮޅެއްގައި ނުޖެހި މަޖިލީހުގެ ޖަލްސާތައް ނިމިގެންދިޔަ މަންޒަރެވެ. އެހެން ކަމުން ބައެއް މެމްބަރުން ވަނީ މަޖިލިސް މިވަގުތު އޮތީ މަރުތަޅު އެޅުވިފައި ކަމަށް ބުނެފައެވެ.

މިރޭ އެމްއެންޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މިއަދު ފެނިގެން ދަނީ ތިން ބާރުގެ ތެރެއިން އެއް ބާރު މުޅިން މަރުތަޅު އެޅި، އެކި ކަހަލަ ޑްރާމާތައް ކުޅޭތަން ކަމަށެވެ. އަދި އެބޭފުޅުން ބޭނުންވި ޑިމޮކްރަސީއެއް މިއަދު ނާންނަ ކަމަށާއި އެޑިމޮކްރަސީ އަނބުރާ ގެންނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި މީހުންގެ ފަރާތުން މިއަދު މަޖިލިސް ތެރެއިން ފެނިގެން ދަނީ ޒުވާނުންނަށް ވަރަށް ހިތްދަތި މަންޒަރު ކަމަށާއި ނިމިދިޔަ ހަފްތާތަކުގައި މަޖިލީހުން ފެނިގެން ދިޔައީ ބަލަން ވެސް ބޭނުން ނުވި މަންޒަރު ކަމަށެވެ.

"އަޅުގަނޑުމެން މި ޕާޓީން މިތިބީ ވަރަށް ސާބިތު ކަމާއި އެކީގަ. އަޅުގަނޑުމެންނަށް ތިބޭފުޅުން މަރުތަޅުން ނައްޓާލުމަށްޓަކައި އަޅުގަނޑުމެންނަށް ނެގޯޝިއޭޓް ކުރުމުގެ ބާރު ދެއްވާ. އަޅުގަނޑުމެން މި ޕާޓީން މިތިބީ ތިބޭފުޅުންގެ ތިކަމަށް ހައްލެއް ހޯދައި ދިނުމަށް އިސްނަގައިގެން އެއްވެސް ޝަރުތެއް ނެތި މިތިބީ އެކަން ކޮށްދިނުމަށް ތައްޔާރަށް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ މެމްބަރުންނަކީ އެކި ކަންކަމުގައި މަޖިލީހަށް ވަޒީރުން ގެނެސްގެން ވަކާލާތު ކުރި މެމްބަރުން ކަމަށާއި އެހެން ކަމުން އެބޭފުޅުން އެއްވެސް ހާލެއްގައި މަޖިލިސް މަރުތަޅު އެޅުވިފައި އޮންނާކަށް ބޭނުން ނުވާ ކަމަށެވެ.